Advertisement
ކ. މާލެ
|
10 ޖުލައި 2023 | ހޯމަ 10:20
މަޖިލިސް ޖަލްސާގެ ތެރެއިން
މަޖިލިސް ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
ދައުރުން ބޭރު ޖަލްސާ
ކޮމިޓީތައް އެކުލަވާލާނެ ގޮތާއި ގުޅޭ ރިޕޯޓު އެންމެ ފަހުން ފާސްވެއްޖެ
މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ 42 މެންބަރުން
ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ މެންބަރު ޙަސަން އަފީފު
ކޮމިޓީ ރިޕޯޓަށް 10 އިސްލާޙެއް ހުށަހެޅިފައިވާކަން އަފީފް ފާހަގަ ކުރެއްވި

ދައުރުން ބޭރުގައި ބާއްވާ ދެވަނަ ޖަލްސާ 10 ޖުލައި ވާ ހޯމަ ދުވަހު ކުރިއަށް ގެންގޮސް، މަޖިލީހުގެ ކޮމިޓީތައް އެކުލަވާލެވިފައިވާ ގޮތަށް ހުށަހެޅިފައިވާ އިސްލާޙުތަކަށް ވޯޓަށް އަހައިފިއެވެ.

މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ މެންބަރު ޙަސަން އަފީފެވެ.

މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ 42 މެންބަރުންނެވެ. 1 މެންބަރަކު ސަލާމް ފޮނުއްވާފައިވާއިރު، 6 މެންބަރަކު ތިއްބެވީ ރަސްމީ ދަތުރުފުޅުތަކުގައެވެ.

ޖަލްސާ ފެއްޓެވުމާއެކު އަފީފް ވަނީ ވޯޓަށް އަހަން ހުރި ކަންކަމުގެ ބައި ކުރިއަށް ގެންދަވާފައެވެ.

މި ޖަލްސާގައި އޮތީ މަޖިލީހުގެ ކޮމިޓީތަކާ ގުޅޭ ރިޕޯޓަށް ވޯޓަށް އެހުންކަމަށް އަފީފް ވިދާޅުވިއެވެ. އެގޮތުން 10 އިސްލާޙެއް ހުށަހެޅިފައިވާކަން އަފީފް ފާހަގަ ކުރެއްވިއެވެ.

ފުރަތަމަ އިސްލާޙެއްގެ ގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި އިސްލާޙަކީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ހުރިހާ ޕާޓީއެއްގެ ބައިވެރިވުން ޝާމިލުވާ ގޮތަށް ކޮމިޓީ އެކުލަވާލުމާ ގުޅޭގޮތުން ހުށަހެޅުއްވި އިސްލާޙެކެވެ. ނަމަވެސް އެ އިސްލާޙު ފާހެއް ނުވެއެވެ.

ދެވަނައަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި އިސްލާޙުގައި ވިދާޅުވީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުޤައްރިރަކަށް ސަރުކާރު ނިސްބަތްވާ ޕާޓީ ނޫން ޕާޓީއެއްގެ މެންބަރަކު ހިމެނުން މުހިއްމު ކަމަށެވެ. އާޒިމް ވަނީ އެ ކޮމިޓީ އެކުލަވާލައްވަން ބޭނުންވާ ގޮތް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުންވެސް ފާހެއް ނުވެއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި އަނެއް އިސްލާޙަކީ މާލިއްޔަތު ކޮމިޓީއާއި އިޤްތިސާދީ ކޮމިޓީ ހުރިހާ ޕާޓީއެއްގެ އަދި މިނިވަން މެންބަރުން ހިމެނޭ ގޮތަށް އެކުލަވާލުމަށް ހުށަހެޅުއްވި އިސްލާޙެކެވެ. އެ އިސްލާޙުވެސް ފާސްވެފައެއް ނުވެއެވެ.

ދެން ހުށަހަޅުއްވާފައިވާ އިސްލާޙަކީ މާލިއްޔަތު ކޮމިޓީ އެކުލަވާލެވިފައިވާ ގޮތަށް މެދުހެންވޭރު ދާއިރާގެ މެންބަރު ހުށަހެޅުއްވި އިސްލާޙެކެވެ. އެ އިސްލާޙު ފާސް ކުރުމަށް ފެންނަކަމަށް ވޯޓު ދެއްވާފައިވަނީ 13 މެންބަރެކެވެ. ނުފެންނަކަމަށް 33 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

Advertisement

ފަސްވަނަ އިސްލާޙަކީ ޖުޑީޝަރީ ކޮމިޓީއާއި، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއާއި، އެސްއޯއީ ކޮމިޓީ އެކުލަވާލުމާ ގުޅޭގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު ހުށަހެޅުއްވި އިސްލާޙެވެ. އެ އިސްލާޙުވެސް ފާސްވެފައެއް ނުވެއެވެ.

ހަވަނަ އިސްލާޙަކީ މަޑުއްވަރީ ދާއިރާގެ މެންބަރު ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އެކުލަވާލުމާ ގުޅޭގޮތުން ހުށަހެޅުއްވި އިސްލާޙެކެވެ. އެ އިސްލާޙު ފާސް ކުރުމަށް ފެންނަކަމަށް ވޯޓު ދެއްވާފައިވަނީ 13 މެންބަރެކެވެ. ނުފެންނަކަމަށް 33 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ހަތްވަނަ އިސްލާޙަކީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އެކުލަވާލުމާ ގުޅޭގޮތުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި އިސްލާޙެވެ.

އަށްވަނަ އިސްލާޙަކީ އާންމު ކޮމިޓީ އެކުލެވިގެންވާ ގޮތާއި ގުޅޭގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި އިސްލާޙެވެ.

ނުވަވަނަ އިސްލާޙަކީ އާންމު ކޮމިޓީ އެކުލެވިގެންވާ ގޮތާއި ގުޅޭގޮތުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި އިސްލާޙެވެ.

އެ އިސްލާޙުތައްވެސް ފާހެއް ނުވެއެވެ.

ފަހު އިސްލާޙަކީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާޙެކެވެ. އެއީ މަޖިލީހުގެ 5 އަހަރުގެ ދައުރު ތެރޭގައި މެންބަރުންނަށް ކޮމިޓީތަކުގައި ބައިވެރިވެވުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ އިސްލާޙެކެވެ. އެ އިސްލާޙުވެސް ފާހެއް ނުވެއެވެ.

އެއަށްފަހު ކޮމިޓީތައް އެކުލަވާލުމާ ގުޅޭ ރިޕޯޓުގެ (އޮޕްޝަން 1) ށް ވަނީ ވޯޓަށް އަހާފައެވެ. އެގޮތަށް ރިޕޯޓު ފާސް ކުރުމަށް ފެންނަކަމަށް 35 މެންބަރަކު ވޯޓު ދެއްވާފައިވާއިރު، ނުފެންނަކަމަށް 14 މެންބަރަކު ވޯޓު ދެއްވާފައިވާތީ، އެ ހުށަހެޅުން ވަނީ ފާސްވެފައެވެ.

ވުމާއެކު، މަޖިލީހުގައި ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތިއްވަބާނެ ނިސްބަތް މިވަނީ ފާސްވެފައެވެ. ރިޔާސަތުން ވަނީ ހޯމަ ދުވަހުގެ ރޭގެ 09:00 ގެ ކުރިން ޕާޓީތަކުން ނަންތައް ފޮނުވުމަށް އަންގަވާފައެވެ.

ކޮމިޓީ ރިޕޯޓް އޮޕްޝަން 1 - މަޖިލިސް
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް