ވޭތުވެދިޔަ ދުވަސްތަކުގައި ކޮންމެވެސް ފަންޏެއް އަޅައިގެން ހިތިފަތް ޖަހައިގެން ބައެއް ފަނިތައް ފަރުވާ ދެވިފައިވާކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އުފާވެރި އަމާން ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އެއީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އަދި އެއްކޮށް ބަލި ފަސޭހަވެ، ރަނގަޅުވެގެންދާއިރު އެއްވެސް ލަކުނެއް ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.
އިމްރާން މިއިޝާރާތް ކުރެއްވީ އެމްޑީޕީގެ އެތެރެ، ބައިބައިވެ ބައެއް މެމްބަރުން ޕާޓީއާ ވަޑައިވެވަޑައިގަތުމަށް ކަމަށް ގަބޫލުކުރެވެއެވެ. އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ދާދި ފަހުން އެޕާޓީން ވަކިވެވަޑައިގެންފައެވެ. ނަޝީދު ވަނީ އިސްވެ ހުންނަވާ ދަ ޑޮމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް ވެސް އުފައްދާފައެވެ.
ދިވެހިން ބޭނުންވަނީ އުފާވެރި އަމާން ރާއްޖެއެއް ކަމަށް ޖަލްސާގައި އިމްރާން ވިދާޅުވިއެވެ. އަދި ރައީސް ވަނީ ކޯލިޝަނަކީ ދައުރެއް ނިމެންދެން ކުރެވޭނެ ކަމެއް ކަން ދައްކާ އެކަން ސާބިތުކޮށްދެއްވާފައި ކަމަށް ވިދާޅުވިއެވެ.
ކޯލިޝަނެއް ދެމިއޮންނަނީ މުހިންމު ސިފަތަކާއެކު ކަމަށާއި އެގޮތުން އެކަކު އަނެކަކަށް އިޙްތިރާމްކޮށް މަޝްވަރާ ކުރާ ބަޔަކަށްވާންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ކޯލިޝަންގެ އެންމެ މުހިންމު ސިފައަކީ އެންމެންގެ ތަފާތުތައް ނައްތާލާ ޤައުމައިގެން ކުރިއަށް ދިޔުމުން ކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވަނީ ރައީސަކީ ނަމޫނާ ލީޑަރެއްކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކޯލިޝަންއެއްގައި ދައުރެއް ފުރިހަމަކުރައްވާ ރިޔާސީ އިންތިޚާބަށް ނިކުނެންވީ ރައީސް ކަމަށް އިމްރާން ވިދާޅުވިއެވެ. ކުރިން އިވެސްދިޔަ ދުވަސްތަކަކަށް ރައްޔިތުން މިހާރު ނޭދޭ ކަމަށް ވެސް ވިދާޅުވިއެވެ.