އަންނަ ރޯދަމަހުގެ ކަރަންޓް ބިލުތައް 400 ރުފިޔާ އަށް ވުރެ ބޮޑު ނުވިއްޔާ، ރޯދަ މަސް ނިންމާ ދެން ޖެހިގެން އަންނަ މަހު 4000 ރުފިޔާ އަށްވުރެ ކުޑަ ބިލެއް ނާންނާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ކުރީގެ ހޯމް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ އިމްރާން މިހެން ވިދާޅުވި އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށާ ރޯދަ މަހުގެ ކަރަންޓު ބިލަށް އަރާނީ ގިނަވެގެން 400 ރުފިޔާ ކަމަށް ވިދާޅުވެފަ އެވެ.
ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ރޯދަ މަހު ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށެވެ. އެގޮތުން ބާކީ ބިލަށް އަރާވަރަކީ ޑިސްކައުންޓް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިކަމަށް ރައްދު ދެއްވަމުން އިމްރާން ވިދާޅުވީ، މިހާރު 8 ހާސް ރުފިޔާއިން އަދި 10 ހާސް ރުފިޔާއިން އަރާ ބިލުތައް 400 ރުފިޔާއަށް ވުރެ ބޮޑު ނުވާ ގޮތަށް ކުޑަ ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަން ގަބޫލު ނުކުރާނެ ކުޑަ ކުއްޖަކުވެސް ނުހުންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ފާހަގަ ކުރެއްވި ގޮތުގައި، އެއްވެސް ގޮތަކުން ރަމަޟާން މަހަށް 400 ރުފިޔާ އަށް ކަރަންޓް ބިލު ކުޑަ ކުރައްވައިފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ މައްޗަށް އަރާނެ އެވެ. އޭރުން ބިލުތަކަށް އަރާނެ ކަމަށް ބެލެވެނީ 4000 ރުފިޔާއާއި 40،000 ރުފިޔާއާ ދޭތެރޭގެ އަދަދެއް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
އެއްވެސް ކަރަންޓް ބިލެއް 400 އަށްވުރެ ބޮޑު ނުވާނެކަމަށް އެ ވިދާޅުވީ، މިއީ ކުޑަ ކުއްޖަކުވެސް ގަބޫލު ނުކުރާނެ ކަމެއް. ކުޑަ ކުއްޖަކުވެސް ގަބޫލު ނުކުރާނެ މިހާރު 5 ހާހުން، 8 ހާހުން، 10 ހާހުން އަރާ ކަރަންޓް ބިލްތައް 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ އޭ ބުނީމާ އެކަން ރައީސް މުއިއްޒުގެ އަމިއްލަ ނަފްސު ވެސް ގަބޫލު ނުކުރާނެ. ދެން ކޮންމެވެސް ގޮތަކުން 400 އަށްވުރެ ބިލު ރޯދަ މަހު ބޮޑު ނުކުރައްވައިފިއްޔާ، ޖެހިގެން އަންނަ މަހު 4000 ރުފިޔާ އަށް ވުރެ ކުޑަ ބިލެއް އެއްވެސް ގެޔަކަށް ނާންނާނެ
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ![]()
މިއީ ރައީސް މުއިއްޒު ކަރަންޓް ބިލުން ޑިސްކައުންޓް ދޭ ވާހަކަ ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ރޯދަ މަހު ވެސް "ނަމަކަށް" ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވެ އެވެ. ނަމަވެސް އެފަހަރު ބިލުން ޑިސްކައުންޓް ދިން ގޮތާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ގިނަވި އެވެ. ގިނަ ބަޔަކު ފާހަގަ ކުރި ގޮތުގައި، ޑިސްކައުންޓް ދިން ނަމަވެސް ބިލުތައް ބޮޑުވެފައިވާކަން ފާހަގަވި އެވެ.
އޭގެއިތުރުން ފަހަކަށް އައިސް ކަރަންޓު ބިލު އިންތިހާ އަށް ބޮޑުވަމުންދާތީ ވެސް އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ. ގިނަ ގޭބިސީތަކުން ފާހަގަ ކުރަނީ، ކަރަންޓު ބޭނުން ކުރާ މިންވަރު ބަދަލު ނުވި ނަމަވެސް ބިލުތައް ބޮޑުވަމުންދާ ކަމަށެވެ. މިއީ ގިނަ ރައްޔިތުންނަށް ބޮޑު ބުރައަކަށް ވެފައިވާ ކަމެއް ކަމަށް ފާހަގަ ކުރެވެ އެވެ.
ކަރަންޓު ބިލުތައް ކުޑަކުރުމަށް ސަރުކާރުން ވަމުންދާ ވައުދުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ސުވާލުތައް އުފެދެމުންދާއިރު، އިމްރާން ވިދާޅުވި ގޮތުގައި މިފަދަ ވައުދުތައް ފުއްދޭނެ ގޮތެއް ނެތެވެ. ކަރަންޓު ބިލުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުޑަކުރުމަށް ހަގީގީ ހައްލެއް ހޯދަން ޖެހޭ ކަމަށް އިމްރާން ފާހަގަ ކުރެއްވި އެވެ.