އިންޑިޔާގެ ފައިނޭންޝަލް ކެޕިޓަލް މުމްބާއީގައި 6000 ކިލޯގެ ދަގަނޑު ބްރިޖެއް ވަގަށް ނެގި ކަމުގެ ކުށުގައި ފުލުހުން 4 މީހުން ހައްޔަރުކޮށްފިއެވެ.
މި ބްރިޖަކީ މުމްބާއީގެ ހުޅަނގުފަޅީގެ ހިސާބެއްގައި ޑްރެއިން ނުވަތަ ފެން ދެމޭތަނެއްގެ މަތީގައި ވަގުތީ ގޮތުން އަޅާފައިއޮތް ބްރިޖެއް ކަމަށްވެއެވެ. ބްރިޖްގެ ބޭނުން މިއަހަރުގެ އެޕްރިލްމަހާ ހަމަޔަށްވެސް އައީ ކުރަމުންނެވެ. ނަމަވެސް އެތަނުގައި ދާއިމީ ބްރިޖެއް އެޅުމަށްފަހު ވަގުތީ ބްރިޖް ނަގައިގެން ގެންގޮސް މާދުރުގައި، "މަލާދް ބެކްރޯޑް" ކިޔާ އެކަހެރި ހިސާބެއްގައި އޮތީ ބާއްވާފައެވެ.
90 ފޫޓުގެ ދިގު މިދަގަނޑު ބްރިޖަކީ އަޑާނީ އިލެކްޓްރިސިޓީގެ ބަރު އިލެކްޓްރިސިޓީ ކޭބަލްތައް ބެހެއްޓުމަށް ބޭނުން ކުރަމުން އައި ބްރިޖެއް ކަމަށް ފުލުހުންނާ ހަވާލާދީ އިންޑިޔާ ޓުޑޭގައި ބުނެފައިވެއެވެ.
ޖޫންމަހުން އައި އެއްދުވަހަކު، އެކަހެރިކޮށްފައި އޮތް ބްރިޖް ކުއްލިއަކަށް ގެއްލުނީ ކަމަށްވެއެވެ. މިކަމާ ގުޅިގެން އަޑާނީ އިލެކްޓްރިސިޓީ އިން ފުލުހުންނަށް މައްސަލަ ހުށަހަޅާ ބްރިޖު ހޯދުމުގެ މަސައްކަތް ފެށިއެވެ.
އިންޑިޔާގެ 200،000 ރުޕީސްގެ އަގުހުރި ދަގަނޑު ސްޓްރަކްޗަރ ނުވަތަ ވަގުތީ ބްރިޖު އެންމެ ފަހުން ބޭއްވި ސައިޓްގައި އޮއްވާ ފެނިފައިވަނީ ޖޫން 6 ވަނަ ދުވަހު ކަމަށް ވެއެވެ. ނަމަވެސް ބޭއްވި ތަނުގައި ނެތްކަން އެނގުމުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ޖޫން 26 ގައި ކަމަށް ވެއެވެ.
ފުލުހުންނަށް މައްސަލަ ހުށަހެޅުމާއެކު ބްރިޖް ހޯދުމުގެ މަސައްކަތް ފަށާފައިވެއެވެ. އެންމެ އަޖައިބުވީ ކަމަކީ ދުރަށް ގެންގޮސް ބްރިޖް ބޭއްވި ހިސާބުގައި އެއްވެސް ސީސީޓީވީ ކެމެރާއެއް ހަރުކޮށްފައި ނެތުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން އެހިސާބު ވަށައިގެންވާ ތަންތަނުގެ ސީސީ ޓީވީ ފުޓެޖް ބެލި ބެލުމުން ޖޫންމަހުގެ 11 ވަނަ ދުވަހު މަލާޑް ބެކްރޯޑް އާއި ދިމާލަށް ބޮޑު ޓްރަކެއް ދާތަން ފެނިފައި ވެއެވެ. ފަހުން ފުހުހުން ހޯދާފައިވާ ގޮތުގައި މި ޓްރަކަކީ ގޭސްކަޓަރު މެޝިންތަކެއް ހިފައިގެން ދިޔަ ޓްރަކެކެވެ. އަދި މެޝިންތައް ގެންދިޔައީ ބްރިޖް ބައިބައިކޮށްލުމަށް ބޭނުން ކުރުމަށްކަން ފުލުހުންނަށް ޔަގީން ވިއެވެ. އަދި އެއަށްފަހު ވަނީ މިޖަރީމާ ހިންގުމުގައި ބައިވެރިވި މީހުން ހޯދައި ހައްޔަރުކޮށްފައެވެ.
މިމައްސަލައިގައި ހައްޔަރު ކުރެވުނު ހަތަރު މީހުންގެ ތެރެއިން އެކަކީ އަޑާނީ އިލެކްޓްރިސިޓީގެ ފަރާތުން ބްރިޖު އެޅުމަށް ހަވާލުކުރި ކުންފުނީގައި މަސައްކަތް ކުރާމީހެއް ކަމަށް ވެއެވެ.
ބްރިޖު މިހާރު ހޯދިފައިވާ ކަމަށް ބަޔާންކޮށް ސްޓޭޓްމަންޓެއް ނެރެފައިވާކަމަށް އަޑާނީ އިލެކްޓްރިސިޓީ އިން ބުނެފައިވެއެވެ.