ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި 79 ރިސޯޓަކުން ވޯޓު ފޮށި ބެހެއްޓުމަށް ނިންމައި، އެކަން އަންގާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ވޯޓު ފޮށި ބެހެއްޓުމަށް ދައުވަތު ފޮނުވި ރިސޯޓުތަކުގެ ތެރެއިން 22 ރިސޯޓަކުން އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އަދި 79 ރިސޯޓަކުން ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، 68 ރިސޯޓަކުން ވޯޓު ފޮށި ބަހައްޓަން ބޭނުންނުވާކަމަށް އަންގާފައިވާކަމަށެވެ.
ހަބީބު ވިދާޅުވީ، މަސައްކަތް ކުރަމުންދަނީ ޓޫރިޒަމް މިނިސްޓްރީއާއެކު ކަމަށާއި، ޖަވާބު ނުލިބޭ ރިސޯޓުތަކުން ވެސް ޖަވާބު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
އިންތިޚާބުގައި ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ މަދުވެގެން 30 މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ރިސޯޓުތަކުގައެވެ. ވޯޓު ފޮށި ބަހައްޓާ މަރުކަޒުތައް ކަނޑައެޅުމުގެ މަސައްކަތްތައް ކުރަމުންދާއިރު، އާއްމުކޮށް ވޯޓު ފޮށިތައް ބަހައްޓާ މަރުކަޒުތަކުގެ ހާލަތު ވަރަށް ރަނގަޅަށް ބަލާނެކަމަށާއި، އެއީ އެންމެ އެކަށީގެންވާ ތަންތަންތޯ ބަލައި ޔަގީންކުރާނެ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމީހަކު ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމަށް ނިންމާފައިވަނީ ޖުލައި 16އިން އޮގަސްޓްމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން އޮންލައިންކޮށް ޖުލައި 16އިން ޖުލައި 29ގެ ނިޔަލަށް ރީ-ރަޖިސްޓްރީ ކުރެވޭއިރު، ޖުލައި 30ން އޮގަސްޓު 5ށް ރީ-ރަޖިސްޓްރީ ކުރަން ޖެހޭނީ ފޯމު ހުށަހަޅައިގެންނެވެ. އަދި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގައި ވޯޓުލުމަށް ރީ-ރަޖިސްޓަރ ކުރި ފަރާތްތަކުން މިއަހަރުގެ އިންތިޚާބުގައި އަލުން މާލޭގައި ވޯޓުލާން ރަޖިސްޓްރީކުރަން ނުޖެހޭ ގޮތަށްވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު މަހުގެ 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.