ކ. މާލެ
|
5 ޖުލައި 2023 | ބުދަ 12:30
ރިލްވާނުގެ މަރާއި ގުޅިގެން ހައްޔަރު ކުރި އަހުމަދު އިސްމާއިލް
ރިލްވާނުގެ މަރާއި ގުޅިގެން ހައްޔަރު ކުރި އަހުމަދު އިސްމާއިލް
ޕޮލިސް
ޔާމީނާއި ރިލުވާންގެ މައްސަލަ
އަހަނދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން ނިންމި ނިންމުން އިސްތިއުނާފެއް ނުކުރާނެ
އަހަނދު ދޫކޮށްލާފައިވަނީ ޖޫން މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި
އޭނާ ދޫކޮށްލީ ޓެގް އަޅުވައި، ޕާސްޕޯޓު ހިފެހެއްޓުމަށްފަހު، ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް ގެއިން ނުނިކުމެވޭ ގޮތަށް

ޔާމީން ރަޝީދު މަރާލި މައްސަލައާއި އަހުމަދު ރިޟުވާން އަބްދުﷲ ރަހީނުކޮށް މަރާލިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ އުފުލާފައިވާ އަހުމަދު އިސްމާއިލް (އަހަނދު) ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަހުމަދު އިސްމާއިލް (އަހަނދު)އާއި، އިސްމާއިލް އަބްދުލްރަހީމް (އިސޫ) ގެ އިތުރުން، އަހުމަދުމުއާޒް (ގަޓުމުއާ) ގެ މައްޗަށެވެ.

އެ 3 މީހުން ހައްޔަރުކޮށްފައިވަނީ 26 ޖޫން 2022 ގައެވެ.

އެ 3 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް އަހަނދު ދޫކޮށްލާފައިވަނީ ޖޫން މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައެވެ.

އެ ނިންމުން އިސްތިއުނާފު ނުކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ، އޭނާ ދޫކޮށްލީ ޓެގް އަޅުވައި، ޕާސްޕޯޓު ހިފެހެއްޓުމަށްފަހު، ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް ގެއިން ނުނިކުމެވޭ ގޮތަށް ޝަރުތުކޮށްފައި ކަމަށެވެ.

އޭގެ އިތުރުން، ހެކިންނަށްވެސް ޖިސްމާނީ ރައްކާތެރިކަން ދޭން ވަކި އަމުރެއް ނެރުއްވާފައިވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރަން ނިންމެވީ އެ ސަބަބުތަކާހުރެ ކަމަށެވެ.

- ކޮމެންޓް