ޖޫން 11ގައި ގެޒެޓްގައި ޝާއިއުކުރި، މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް އާންމުކޮށް، އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.
އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު މީގެކުރިން ވިދާޅުވީ، 09 ސެޕްޓެންބަރަށް 18 އަހަރު ފުރޭ 138317 އަންހެނުންނާއި 144355 ފިރިހެންނާއެކު, ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ޖުމްލަ 282672 މީހުންގެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، ޖޫން 11އިން ޖޫން 22ގެ ނިޔަލަށް ޝަކުވާއަށް ހުޅުވާލައި، އެ މުއްދަތުގެ ތެރޭގައި ލިބުނު 551 ޝަކުވާއަށް އީސީން ޖަވާބު ދީފައިވާ ކަމަށެވެ.
މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓާއި ކޮމިޝަނުގެ ވެބްސައިޓު، އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެއެވެ. މީގެ އިތުރުން، އެސްއެމްއެސް ކޮށްގެންވެސް ލިސްޓުގައި ނަން އޮތްތޯ ބެލޭނެއެވެ.
ލިސްޓަށް ޝަކުވާ ހުށަހަޅާނީ ޖުލައި 4ން ޖުލައި 15ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30ން މެންދުރުފަހު 03:00ށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00ން މެންދުރުފަހު 03:00ށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00ން ހަވީރު 05:00ށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ)އިންނެވެ. އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެކަމަށް އީސީން ބުނެއެވެ.
ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ ޖުލައި 16އިން އޮގަސްޓް މަހުގެ 5 ދުވަހުގެ ނިޔަލަށް ކަމަށް ހަބީބު ވިދާޅުވިއެވެ. އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ ޖުލައި 16އިން ޖުލައި 29ގެ ނިޔަލަށް ކަމަށާއި، ޖުލައި 30ން އޮގަސްޓު 5ށް ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމުން އެކަނި ކަމަށް ހަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ.