މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމުނުއިރު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) މެދުވެރިކޮށް މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު 659 މިލިއަނަށްވުރެ އިތުރުވެއްޖެއެވެ.
މިފްކޯއިން އާއްމުކޮށްފައިވާ ތަފާސްހިސަބުތަކުން ދައްކާގޮތުގައި ޖޫން މަހުގެ ނިޔަލަށް 659،417،099 (ހަސަތޭކަ ފަންސާސް ނުވަ މިލިއަން ހަތަރުލައްކަ ސަތާރަ ހާސް ނުވަދިހަ ނުވަ) ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 1.5 މިލިއަނަށްވުރެ ބޮޑު ކުރިއެރުމެކެވެ. 2022 ވަނަ އަހަރު އެ ކުންފުނިން މަސްވެރިންނަށް ދޫކުރީ 506،990،583 (ފައްސަތޭކަ ހަ މިލިއަން ނުވަ ލައްކަ ނުވަދިހަހާސް ފައްސަތޭކަ އައްޑިހަ ތިން) ރުފިޔާއެވެ.
މިއަހަރު މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު އިތުރުވެފައިވަނީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާ ބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ބޭނި މަހުގެ އަދަދު ވެސް އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން މިފްކޯއަށް މަސްކިރުވި އަދަދު ވަނީ މިއަހަރު 26 އިންސައްތަ އިތުރުވެފައެވެ. އެގޮތުން، 2022 ވަނަ އަހަރު 31،408 ޓަނުގެ މަސް ކިރުވާފައިވާއިރު މިއަހަރު 39،607 ޓަނުގެ މަސް ވަނީ ކިރުވާފައެވެ.
މިފްކޯގެ ތިން ސައިޓަކުން މަސް ކިރުވަމުން އަންނައިރު ހުރިހާ ސައިޓަކުން ވެސް ކިރުވި މަހުގެ އަދަދު މިއަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އިން 4،844 ޓަނުގެ މަސް ކިރުވާފައިވާއިރު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން 30،412 ޓަނު އަދި އައްޑޫ ފިޝަރީޒް ކޮމްޕެލްކްސް އިން 4،351 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ އައްޑުއަށް ކިރުވި މަހުގެ އަދަދަށެވެ. އައްޑުއަށް ކިރުވި މަހުގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 68 އިންސައްތަ އިތުރުވެފައެވެ.
އެކި ސައިޓުތަކުން ދޫކޮށްފައިވާ ފައިސާގެ އަދަދުތައް ދައްކާ ގޮތުން ފެލިވަރުން 74،914،618 (ހަތްދިހަ ހަތަރު މިލިއަން ނުވަ ލައްކަ ސާދަ ހާސް ހަ ސަތޭކަ އަށާރަ) ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. އަދި ކޫއްޑޫއިން 511،086،176 (ފައްސަތޭކަ އެގާރަ މިލިއަން އައްޑިހަ ހަ ހާސް ސަތޭކަ ހަތްދިހަ ހަ) ރުފިޔާ ދޫކޮށްފައިވާއިރު އައްޑުއިން ދޫކޮށްފައިވަނީ 73،416،305 (ހަތްދިހަ ތިން މިލިއަން ހަތަރު ލައްކަ ސޯޅަ ހާސް ތިންސަތޭކަ ފަސް) ރުފިޔާ އެވެ.
ސަރުކާރުން ދަނީ މަސް ކިރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިންގް ކެޕޭސިޓީ 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފަށަން ވަނީ ނިންމާފައެވެ. އަދި އޯގަސްޓު މަހުގެތެރޭގައި މިފްކޯގެ މަސް ބަނދަރު ބޭނުންކުރަން ފަށަން ވަނީ ނިންމާފައެވެ.