ޓެކްސީގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި މާލެއަށް ފޯރުކޮށްދެމުން އަންނަ އަވަސް ރައިޑް އައްޑޫ ސިޓީއަށް ތަޢާރަފްކޮށްފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދެމުން އަވަސް ރައިޑުން ބުނީ އައްޑޫ ސިޓީއަށް އަވަސް ރައިޑުގެ ޚިދުމަތް ތަޢާރަފްކުރަން ނިންމީ މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު އެއް ސަރަހައްދަކީ އައްޑޫ ސިޓީ ކަމަށްވެފައި އެސަރަހައްދުގައި ޑިމާންޑްވެސް އެބައޮތް ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގެ ގިނަ ޑްރައިވަރުންގެ ރިކުއެސްޓްވެސް މިކަމަށް އައިސްފައިވާ ކަމަށް މައުލޫމާތުދިނެވެ.
އަވަސް ރައިޑް އެޕްގައި ރަޖިސްޓަރވާން ބޭނުންވާ ޑްރައިވަރުންނަށް އެފުރުޞަތު އެބައޮތް ކަމަށާއި އެގޮތުން އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށްފަހު ރަޖިސްޓަރ ކުރެވޭނެއެވެ. ޓެކްސީ ހޯދަން ބޭނުންވާ ފަރާތްތަކުންވެސް އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށްފަހު ފަސޭހަކަމާއެކު ޓެކްސީ ބުކްކުުރެވޭނެ ކަމަށް އަވަސް ރައިޑުން ބުންޏެވެ.
އަވަސް ރައިޑްއިން މިހާރުވެސް ސައިކަލް ޓެކްސީގެ ޚިދުމަތާއި ކާރު، ޕިކްއަޕް އަދިވެސް އެއްގަމު ދަތުރުތަކުގެ އިތުރު ޚިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދެމުންދެއެވެ. އަދި މިޚިދުމަތްތައް އައްޑޫސިޓީއަށްވެސް ވަނީ ތަޢާރަފްކޮށްފައެވެ.
އަވަސް ރައިޑްގެ ޚިދުމަތަކީ 24 ގަޑިއިރު ލިބޭ ޚިދުމަތެކެވެ.
އަވަސް ރައިޑުގައި އައްޑޫސިޓީން ރަޖިސްޓަރ ވާން ބޭނުންވާ ޑްރައިވަރުންނަށް ހިލޭ ރަޖިސްޓަރވުމުގެ ފުރުސަތު އެބައޮތް ކަމަށާއި މިޕްރޮމޯޝަންގެ ދަށުން 3 މަސް ދުވަސް ހިލޭ ޑްރަައިވަރުންނަށް ލިބިގެންދާނެ ކަމަށް އަވަސް ރައިޑުން ބުނެއެވެ.