މިއަހަރުގެ މެއި މަސް ނިމުނުއިރު މުދަލު ޒަކާތުގެ ގޮތުގައި 48.1 މިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކުރި މެއިމަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ މެއި މަހުގެ ނިޔަލަށް ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހާ އަޅާބަލާއިރު 11.4 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މެއި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި މިރާއަށް ޖުމްލަ 48،129،659 (ސާޅީސް އަށް މިލިއަން އެއް ލައްކަ ނަވާވީސް ހާސް ހަސަތޭކަ ފަންސާސް ނުވަ) ރުފިޔާ ވަނީ ލިބިފައެވެ.
މީރާއިން ބުނެފައިވާ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި ދެއްކި ފައިސާގެ ތެރޭގައި 48،109،756 ރުފިޔާއަކީ ދިވެހި ފައިސާއިން ދައްކާފައިވާ އަދަދެވެ. އަދި 1300 ޑޮލަރު ހިމެނޭ ކަމަށް ވެސް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި މިރާއަށް ލިބިފައިވަނީ ޖުމްލަ 43،159،869 (ސާޅީސް ތިން މިލިއަން އެއްލައްކަ ފަންސާސް ނުވަ ހާސް އަށްސަތޭކަ ފަސްދޮޅަށް ނުވަ) ރުފިޔާއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ތެރޭގައި އެންމެ ގިނައިން މުދަލު ޒަކާތް ބަލައިގެންފައިވަނީ އޭޕްރިލް މަހުގައެވެ. އެ މަހު 11.1 މިލިއަން ރުފިޔާ ބަލައިގެންފައިވާއިރު ޖެނުއަރީގައި 5.1 މިލިއަން ރުފިޔާ، ފެބްރުއަރީ ގައި 5 މިލިއަން ރުފިޔާ، މާޗުގައި 11.1 މިލިއަން ރުފިޔާ އަދި މެއި މަހު 4.5 މިލިއަން ރުފިޔާ ވަނީ ބަލައިގެންފައެވެ.
ނިސާބު ހަމަވާވަރަށް އަތުގައި ފައިސާހުރެ، އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެގޮތުގައި ދެއްކުމަކީ ދީނީގޮތުން ވާޖިބެކެވެ. އަހަރުގެ ތެރޭގައި ކޮންމެ ދުވަހެއްގައި މި ޒަކާތް ދެއްކޭނެއެވެ. އިސްލާމިކް މިިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، މިދިޔަ އަހަރު މުދަލު ޒަކާތުގެގޮތުގައި 92،120،926.52 ( ނުވަދިހަ ދެ މިލިއަން އެއްލައްކަ ވިހިހާސް ނުވަސަތޭކަ ސައްބީސް ރުފިޔާ، ފަންސާސް ދެ ލާރި) ވަނީ ލިބިފައެވެ.
މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަނޑައަޅަނީ ރިހީގެ އަގުން އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުގައި މިހާރު މުދަލު ޒަކާތުގެ ނިސާބަކީ 7،312.55 (ހަތްހާސް ތިންސަތޭކަ ބާރަ ރުފިޔާ، ފަންސާފަސް ލާރި) އެވެ.
ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރުވެސް ބަދަލުވެގެންދެއެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް، އެމްއެމްއޭއިންނެވެ. އިލްމުވެރިން ވިދާޅުވާގޮތުގައި ރާއްޖެފަދަ ގައުމުތަކުގައި ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިސާބު ކަނޑައެޅުމެވެ.
މުދަލު ޒަކާތް 2016 ވަނަ އަހަރުން ފެށިގެން ބަލައިގަންނަނީ މީރާއިންނެވެ. އެ އިދާރާއިން ވަނީ މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވު ބަލާލެވޭ ގޮތްވެސް ވެބްސައިޓު މެދުވެރިކޮށް ހަދައިފައެވެ.