Advertisement
ކ. މާލެ
|
25 ޖޫން 2023 | އާދީއްތަ 12:31
ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް އޮފީސް
ރައީސް ސާލިހު-ޤާސިމް
ރައީސްގެ ވަރުގަދަ ރައްދެއް ޤާސިމާއި ޕީޕީއެމްއަށް: "ކިތަންމެ ކޯފާވިޔަސް ޤާނޫނުން ބޭރަކަށް ނުދާނަން"
ގާސިމް ވަނީ ބަހުގެ ހޫނު ޙަމަލާތަކެއް ރައީސަށް އަމާޒު ކުރައްވާފައި
ރައީސް ވިދާޅުވީ، މިނިވަން މުއައްސަސާތަކުން ކުރާ ކަންކަން އެ އޮތްގޮތަށް ކުރިއަށްދާނެ ކަމަށް
ރައީސް ވިދާޅުވީ، ކޮންމެ ބޭފުޅަކު ކޯފާކުރެއްވިނަމަވެސް ހުންނަވާނީ އެގޮތުގައި ކަަމަށް

ވިލާ ކުންފުންޏަށް ދީފައި އޮތް ކ. ވާވެއްދި ފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެދިގެން ހުއްޓުވާފައިވާ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ރައީސް އިބްރާހީމް މުޙައްމަދު ސާލިޙަށް އަމާޒު ކުރައްވައި ކުރެއްވި ތުހުމަތުތަކަށް އެމަނިކުފާނު ރައްދު ދެއްވައިފިއެވެ.

އޭސީސީއިން ވަނީ އެ ކޮމިޝަނުން އެ ފަޅާ ގުޅޭ މައްސަލައެއް ބަލަމުން އަންނާތީ އެ ފަޅު ވިއްކުމުގެ މުއާމަލާތް ވަގުތީ ގޮތުން ހުއްޓުވުމަށް ޓޫރިޒަމް މިނިސްޓްރީގައި އެދިފައެވެ. އެގޮތަށް އޭސީސީން އެދުނީ އެ ފަޅުގެ ވެރިފަރާތް ބަދަލު ކުރަން ޓޫރިޒަމަށް ހުށަހެޅުމުން އެކަން އާންމު އުސޫލުން މިނިސްޓްރީއިން އިއުލާނުކުރި ހިސާބުންނެވެ.

އެކަމާ ނުރުހުންވެވަޑައިގެން ޤާސިމް ވަނީ ހޮނިހިރު ދުވަހުގެރޭ ޖުމްހޫރީ ޕާޓީން ބޭއްވި ބައްދަލުވުމުގައި ރައީސް ސާލިޙަށް ބަހުގެ ހޫނު ޙަމަލާތަކެއް އަމާޒު ކުރައްވާފައެވެ.

Advertisement

އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މިހާތަނަށް ވެރިކަމުގައި ހޭދަ ކުރެއްވި މުއްދަތުގައި މަސައްކަތް ކުރައްވަމުން ގެންދަވާފައިވާނީ ޤާނޫނު އަސާސީއާއި ޤާނޫނުގެ އިމުގެ ތެރެއިން ކަމަށެވެ.

އެ އިމުގެ ތެރެއިން ބޭރަށް ވަޑައިނުގަންނަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑު މަސައްކަތް ކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނުގެ އިމުގެ ތެރޭގައި، އެއީ އަޅުގަނޑާ ކިތަންމެ ގާތް މީހެއް ކަމުގައިވިޔަސް. އަޅުގަނޑު ޕާޓީގެ މީހެއްކަމުގައިވިޔަސް، އާއިލާގެ މީހެއްކަމުގައި ވިޔަސް، އަޅުގަނޑަކަށް ޤާނޫނުއަސާސީން ބޭރަކަށް ނުދެވޭނެ، އޭގައި އޮތް ގޮތަށް އެކަންކަން ކުރިއަށްދާނީ
ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު

ރައީސް އިތުރަށް ވިދާޅުވީ، މިނިވަން މުއައްސަސާތަކުން ކުރާ ކަންކަން އެ އޮތްގޮތަށް ކުރިއަށްދާނެ ކަމަށާއި، އޭގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒު ފޯރުއްވުމަކީ މިހާތަނަށްވެސް ކުރައްވާފައިވާނެ ކަމެއް ނޫން ކަމަށެވެ. އެކަން ނުވެސް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި މައްސަލައިގައިވެސް ހުންނަވާނީ ޤާނޫނީ އިމުގެ ތެރޭގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮންމެ ބޭފުޅަކު ކޯފާކުރެއްވިނަމަވެސް ހުންނަވާނީ އެގޮތުގައި ކަަމަށެވެ.

ޤާނޫނުން ބޭރަކަށް ނުދާނަން، ކޮންމެ ބޭފުޅަކު ކިތަންމެ ކޯފާވެގެން ވާހަކަ ދެއްކެވިޔަސް
ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު

ވާވެއްދި ފަޅު ވިއްކުން ހުއްޓުވާފައި ވަނީ ސީދާ ސަރުކާރުގެ ނުފޫޒުގެ ތެރެއިން ކަމަށް ގާސިމް ތުހުމަތު ކުރައްވާފައިވެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއެކު ކޯލިޝަން ނުހަދާނެކަން ޖުމްހޫރީ ޕާޓީން ރަސްމީކޮށް ރައީސަށް ވަނީ އަންގާފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ކައުންސިލުން އިންތިޚާބުގައި ވަކިން ވާދަކުރުމަށް ނިންމުމާއެކު ސަރުކާރުގެ އެކި މަގާމުގައި ތިބި ޖޭޕީގެ ބައެއް މެންބަރުން ވަނީ ޖޭޕީން ވަކިވެ ރައީސް ޞާލިހަށް ތާއީދުކުރައްވާފައެވެ.

މީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތާއި ސަރުކާރާ ގުޅުވައި އިދިކޮޅުން ދައްކަމުންގެންދާ ވާހަކައަށްވެސް ރައީސް ވަނީ ރައްދު ދެއްވާފައެވެ.  

އިންސާފު ޤާއިމު ކުރުމަކީ ވެރިކަމަށް ވަޑައިގެންނެވިއިރު ދެއްކެވި ވާހަކަފުޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޤާނޫނު އަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ކޯޓުތަކުން އެކަން ކުރިއަށް ގެންދާނެ ކަަމަށެވެ.

ޖުޑީޝަރީއަށް އަދި ކޯޓުތަކަށް ފުރިހަމަ މިނިވަންކަން އޮންނާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް