ދިރާސީ އައު އަހަރަށް، މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގިނަ ސްކޫލުތަކެއް ދިރާސީ އައު އަހަރަށް ހުޅުވި، އެސްކޫލުތަކުގައި ކިޔަވައިދޭން ފެށޭނެކަމަށެވެ.
މިހާރު އެންމެ ޑިމާންޑް ބޮޑު ސަރަހައްދަކަށް އޮތީ ހުޅުމާލެ ފޭސް-2ކަން ފާހަގަކުރައްވައި އަހްމަދު އަލީ ވިދާޅުވީ، ފޭސް-2ގައި އިމާރާތް ކުރެވޭ ސަލާހުއްދީން ސްކޫލާއެކުވެސް އެ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ. މާލޭގައި ދަރުމަވަންތަ ސްކޫލު ހުޅުވޭނެ ކަމަށާއިި، މި ސްކޫލުން އިތުރު ޖާގަތަކެއް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އަހްމަދު އަލީ ވިދާޅުވީ އަތޮޅުތެރެއިން މާލެއަށް ބަދަލުވާ އާއިލާތަކުގެ ކުދިންނަށްވެސް މާލޭ ސަރަހައްދުގެ ސްކޫލުތަކުން ޖާގަ ލިބޭނެ ކަމަށެވެ.
ފޭސް-2ގަ މިހާރުވެސް އެއް ސްކޫލު އެބަހުރި. ހަމައެއާއެކު ސަލާހުއްދީން ސްކޫލު ހުޅުވިގެން ދިއުމާއެކު އެއަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ. މާލޭގަ ދަރުމަވަންތަ ސްކޫލު ހުޅުވޭނެ. ދިރާސީ އަހަރު ހުޅުވޭ މި ސްކޫލަށް އިތުރު ޖާގަތަކެއް ހުޅުވާލެވޭ ގޮތަށް އެ ސްކޫލު ކުރިއަށް ގެންދެވޭނެ. އެއީ އިތުރު ފުރުސަތުތަކެއް. އަތޮޅުތެރެއިން މާލެއަށް ބަދަލުވާ ކުދިންނަށް އެފުރުސަތު އޮންނާނެ. މިހާރު އޮތް ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ. މިހާރު އަރަބިއްޔާ ހުރި އިމާރާތުން މިހާރު ދަރުމަވަންތަ ހިންގަމުންދާ އިމާރާތަށް އަރަބިއްޔާ ސްކޫލު ބަދަލުކުރެވޭނެ. ހަމަ އެގޮތަށް ދަރުމަވަންތަ ސްކޫލު އައު ސްކޫލަށް ބަދަލުކުރެވޭނެ. މި މަސައްކަތުގެ މަރުހަލާ މިހާރު ވަނީ ފެށިފަ.މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީ، އަހްމަދު އަލީ
އަރަބިއްޔާ ސްކޫލަށް އިޝާރާތްކުރައްވައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތަށް ޚާއްސަ އިސްކަމެއް ދޭކަމަށެވެ. ގިނަ ސްކޫލުތަކުގެ މަސައްކަތްތައް ކުރިއަށްދާއިރު، ޖަމާލުއްދީން ސްކޫލުގެ އަލަށް އިތުރުކުރެވޭ ބައިގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
މިމަސައްކަތްތަކުގެ ޕޭޕަރ ވޯކްސް އެބަ ކުރިއަށްދޭ. އަމަލީ މަސައްކަތްތައް މާ ލަސްތަކެއްނުވެ އަޅުގަނޑުމެންނަށް ފެށިގެން ކުރިއަށް ގެންދެވޭނެ. އަދި ހުޅުމާލޭގަ އަލަށް އަޅާ ސްކޫލުތައްވެސް ކުރިއަށްދޭ. އަދި އަމިއްލަ ފަރާތަކުން ހުޅުމާލެ ފޭސް އެކެއްގަ ގާއިމްކުރާ އިންޓަނޭޝަނަލް ސްކޫލެއްގެ މަސައްކަތް ކުރެވެމުންދޭ. ދިރާސީ އަހަރު އެސްކޫލުގަ ވެސް ކިޔަވައިދޭން ފެށޭވަރުވާނެ. އެހެންވީމަ އެގޮތަށް ވަރަށް ގިނަ ސްކޫލުތަކެއްގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރިއަށް އެބަދޭ. އުންމީދުކުރަނީ މިއަހަރު މިފެށޭ ދިރާސީ އައު އަހަރު ވެގެންދާނީ މިގޮތުން މާލޭ ސަރަހައްދުގަ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މި އަހަރެކޭ އެއްގޮތަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭ އަހަރަކަށް.އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، މުހައްމަދު އިހުސާން
ދިރާސީ އައު އަހަރަށް ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވެއެވެ. އަދި އަތޮޅުތެރޭގެ ސްކޫލުތަކުން ގިނަ އަދަދެއްގެ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ބަދަލުވެއެވެ. ނަމަވެސް ޖާގަ ނުލިބޭ މައްސަލަ ބޮޑުވެ ބައެއް ބެލެނިވެރިން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ނަމަވެސް ކުރިއަށް ދިރާސީ އައު އަހަރަށް މި މައްސަލަ ކުރިމަތިނުވާނެކަމަށާއި، ގިނަ ސްކޫލުތަކެއް ދިރާސީ އައު އަހަރަށް ހުޅުވި ކިޔަވައިދޭން ފެށޭނެ ކަމުގެ ޔަގީންކަން އެޑިޔުކޭޝަން މިނިސްޓްރީން ދެއެވެ.