ކ. މާލެ
|
24 ޖޫން 2023 | ހޮނިހިރު 08:10
ފްރާންސްގެ ސްޕޯޓްސް މިނިސްޓަރު، އެމެލީ އޫދީ ކަސްޓެރާ
ފްރާންސްގެ ސްޕޯޓްސް މިނިސްޓަރު، އެމެލީ އޫދީ ކަސްޓެރާ
ރޮއިޓާރސް
ޕެރިސް އޮލިމްޕިކްސް 2024
ޕެރިސް 2024: ކޮރަޕްޝަނުގެ ތަހުގީގު ކުރިއަށް ދިޔަނަމަވެސް، ސްޕޯޓްސް މިނިސްޓަރުގެ ކަންބޮޑުވެވަޑައިގަތުމެއް ނެތް!
ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައި ފުލުހުން ވަނީ އެ އިދާރާއަށް ވަދެ ބަލައިފާސްކޮށްފައި

އަންނަ އަހަރު ފްރާންސްގައި އޮންނަ އޮލިމްޕިކްސް އިންތިޒާމުކުރާ މައި އިދާރާގެ ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގުކުރަމުން ދިޔަނަމަވެސް، އެކަމާ އެއްވެސް ވަރަކަށް ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް، ފްރާންސްގެ ސްޕޯޓްސް މިނިސްޓަރު އެމެލީ އޫދީ ކަސްޓެރާ ވިދާޅުވެއްޖެއެވެ.

ކޮރްޕަޝަންގެ މައްސަލައަކާ ގުޅިގެން، މިދިތަ އަންގާރަ ދުވަހުގެ ވަގުތެއްގައި ފުލުހުން ވަނީ އެ އިދާރާއަށް ވަދެ ބަލައިފާސްކޮށްފައެވެ. އެކަން ޕެރިސް އޮލިމްޕިކްސްގެ މައި އިދާރާއިން ވަނީ ކަށަވަރުވެސް ކޮށްދީފައެވެ. ނޭޝަނަލް ފައިނޭންޝަލް ޕްރޮސެކިއުޓަރ (ޕީއެންއެފް)އިން ބުނީ، ޕެރިސް 2024ގެ މައި އިދާރާ ބަލައިފާސްކުރީ ސަމަރ ގޭމްސް އިންތިޒާމްކުރާ ކޮމިޓީން ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭ އިބްތިދާއީ ތަހުގީގެއް 2017 ވަނަ އަހަރު ފެށުމަށްފަހު ކަމަށެވެ. އަދި އެ އަހަރުން ފެށިގެން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ފްރާންސުގެ އެންޓި ކޮރަޕްޝަން އެޖެންސީގެ އޮޑިޓަކަށްފަހު, 2022 ވަނަ އަހަރުގެ އިބްތިދާއީ ތަހުގީގެއް ކުރިއަށްދާއިރު، އޮލިމްޕިކް އަދި ޕެރަލިމްޕިކް އިންފްރާސްޓްރަކްޗަރ ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ ޕަބްލިކް ބޮޑީ، ސޮލިޑްއޯގެ ހެޑްކުއާޓަރވެސް ބަލައިފާސްކުރަމުން އަންނަކަން ޕީއެންއެފްއިން ވަނީ ހާމަކޮށްފައެވެ.

އެކަމާ ގުޅިގެން ފްރާންސްގެ ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ، އޭނާގެ ވަކި ކަންބޮޑުވެވަޑައިގަތުމެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ، ކުރިއަށްދާ މައްސަލާގައި އެ އިދާރާގެ ޓީމުތަކުން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެކަމަށެވެ. އަދި، ފާއިތުވި އަހަރުތަކުގެ ތެރޭގައި ފްރާންސްގެ ކޯޓު އޮފް އޮޑިޓަރުންނާއި، އެ ގައުމުގެ އެންޓި ކޮރަޕްޝަން އެޖެންސީން ވަނީ ވަރަށް ހަރުކަށި، ސީރިއަސް, އަދި ފުރިހަމަ އިޖުރާއަތުތަކެއް ކުރިއަށްގެންގޮސްފައި ކަމަށެވެ. އޭނާ ވިދާޅުވީ، އެކިއެކި އޮޑިޓުތަކާއި، އެތިކްސް ކޮމެޓީ އަދި އޮޑިޓް ކޮމެޓީތަކުން ކުރަމުން އަންނަނީ ނަމޫނާ މަސައްކަތެއް ކަމަށެވެ. އެކަމުގެ ސަބަބުން އިންސާފު ގާއިމުކުރެވޭނެ ކަމުގެ ޔަގީން ކަން އޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްޕޯޓްސް މިނިސްޓަރުގެ އިތުރުން އޮލިމްޕިކްސްގެ ރައީސް ޓޯނީ އެސްޓަންގުއޭޓް ވިދާޅުވީ، އޭނާ ގަބޫލުކުރައްވާގޮތުގައި އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އޮލިމްޕިކްސް އިންތިޒާމުކުރާ ކޮމިޓީ އުފެދުނީއްސުރެ މަސައްކަތްކުރަމުން އަންނަނީ އެއީ ފުރިހަމަ އަދި ކާމިޔާބު ގޭމްސްއަކަށް ހެދުމަށްކަމަށެވެ. އެހެންކަމުން 2018 ވަނަ އަހަރުން ފެށިގެން ނިންމާފައިވަނީ، އެކިއެކި ފަރާތްތަކަށް ކޮންޓްރެކްޓު ދިނުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް އައިއިރުވެސް އެކިއެކި މަރުހަލާގައި އޮޑިޓުކުރުން ކުރިއަށްގެންގޮސްފައި ވާނެކަމަށާއި، އެހެންކަމުން މިހާރުވެސް ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށެވެ.

ކޮރަޕްޝަނުގެ މައްސަލަ ތަހުގީގު ކުރަމުން ދިޔަނަމަވެސް، އޮލިމްޕިކް ގޭމްސްގެ ތައްޔާރީތަކަށް މަޑުޖެހުމެއް ނާދެއެވެ. އަންނަ އަހަރު ޕެރިހުގައި އޮލިމްޕިކްސް ބޭއްވުމަށް ތާވަލްކޮށްފައި ވަނީ ޖުލައި 26ން އޯގަސްޓު 11އަށެވެ.

- ކޮމެންޓް