ކ. މާލެ
|
23 ޖޫން 2023 | ހުކުރު 12:00
ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތް
ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތް
ދައުރު
އައު ތިން ސްކޫލެއް ހުޅުވުމުގެ މަސައްކަތް
ދިރާސީ އައު އަހަރަށް އައު ތިން ސްކޫލެއް މާލެ ސަރަހައްދުގައި ހުޅުވަނީ
އިމާރާތްތަކުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދޭ
ދިރާސީ އަހަރަށް ޓީޗަރުން ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދޭ
ޓެކްސް ފޮތްތައް ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ދިރާސީ އައު އަހަރަށް އައު ތިން ސްކޫލެއް މާލެ ސަރަހައްދުގައި ހުޅުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ދިރާސީ އައު އަހަރަށް ގިނަ ތައްރީތަކެއް ވަމުންދާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދަށް ބަލާއިރު، މުޅިން އަލަށް ތިން ސްކޫލެއް ހުޅުވިގެންދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތް، ސީއެޗްއެސްސީގެ އައު އިމާރާތް، ސަލާހުއްދީންއަކީ ސްކޫލު ހުޅުވިގެންދާނެ ކަމަށާއި، އިމާރާތްތަކުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.

އިހުސާން ވިދާޅުވީ މިތިން ސްކޫލާއެކު މާލެ ސަރަހައްދުގެ ތައުލީމީ ނިޒާމަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ ދިރާސީ އަހަރަށް ޓީޗަރުން ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. މިއީ ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ދިވެހި ޓީޗަރުންނަށް އިސްކަންދޭ ކަމަށާއި، ދިވެހިން ނުލިބޭ ޖާގަތަކަށް ބިދޭސީ ޓީޗަރުން ގެންނާނެ ކަމަށެވެ.

އައު ތިން އިމާރާތޭ ދެންނެވިއާ ރަނގަޅުވާނެ. އެއީ ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތް، ސީއެޗްއެސްސީގެ އައު އިމާރާތް، ސަލާހުއްދީންއަކީ މުޅިން އައު ސްކޫލެއް. އެހެންވީމަ މިތިން ސްކޫލު ދިރާސީ އައު އަހަރާއެކު ކިޔަވައިދޭން ފެށިގެންދާނެ. މީގެ އިތުރުން މިހާރު ދަރުމަވަންތަ ސްކޫލުގެ ގޮތުގައި ބޭނުންކުރާ އިމާރާތަށް އަރަބިއްޔާ ސްކޫލު ބަދަލުވެގެން ދާނެ އައު ދިރާސީ އަހަރާއެކު. އެހެންވީމަ މިއީ ވަރަށް މުހިންމު ބޮޑު ބަދަލެއް އަޅުގަނޑުމެން ފާހަގަކުރާ ބަދަލެއް. މިއާއެކީގަ ދިރާސީ އަހަރު އިސްކަމެއްދީގެން މުދައްރިސުން ހޯދުމުގެ މަސައްކަތް ވަރަށް ކުރިއާލާ ފަށައިގެން ކުރިއަށް ގެންދަން. ބިދޭސީ ޓީޗަރުންގެ އިންޓަވިއުގެ މަރުހަލާ އަޅުގަނޑުމެން ނިންމާ ސެލެކްޝަން ހަދާފައި ބަހައްޓަނީ އޭގެ ތެރެއިން ގެންނާނީ ދިވެހި ޓީޗަރުން ނުލިބޭ މަގާމުތަކަށް.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕާރމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ މިމަހުގެ 22 ބުރާސްފަތި ދުވަހު ސްކޫލުތަކުން ބޮޑު ޗުއްޓީއަށް ގޮސްފައިވާއިރު، ރިޕޯޓު ކާޑާއެކު ވައުޗަރު ހަވާލުކޮށްފައިވާ ކަމަށެވެ.

އަހްމަދު އަލީ ވިދާޅުވީ ދަރިވަރުންނަށް ޓެކްސް ފޮތްތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މާލެ ސަރަހައްދުގެ ހުރިހާ ސްކޫލަކަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހަވާލުކޮށްފައިވާ ކަމަށެވެ. އަތޮޅުތެރެއަށް ޓެކްސް ފޮތްތައް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށާއި، ބޮޑު ބައި ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހްމަދު އަލީ ވިދާޅުވީ 25 ޖުލައިގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުރިހާ ދަރިވަރުންނަށް ބޭނުންވާ ޓެކްސް ފޮތްތައް ފޮނުވާ ނިންމާލުމަކީ އަމާޒެއް ކަމަށެވެ. އަދި ވިދާޅުވީ ފޮތްތައް ސްކޫލުތަކަށް ލިބުމުން ސްކޫލުތަކުން ބެލެނިވެރިންނަށް ގުޅައި ފޮތްތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހުއެވެ. މިޑް ޓާމަށް ސްކޫލްތައް ބަންދުވާނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމް ނިމޭނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެެވެ.

- ކޮމެންޓް