އަންނަ އަހަރު ފްރާންސްގެ ވެރި ރަށް ޕެރިހުގައި އޮންނަ އޮލިމްޕިކްސް ގޭމްސްގެ ހެޑްކުއާޓަރަށް ފުލުހުން ވަދެ، އެތަން ބަލައި ފާސްކޮށްފި އެވެ.
އެކަމާ ގުޅިގެން ޕެރިސް އޮލިމްޕިކްސް ކޮމެޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޮލިމްޕިކްސް އިންތިޒާމު ކުރާ ކޮމެޓީގެ މައި މަރުކަޒު ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށްގެންދާ ކަމަށެވެ. އެކަމާ ގުޅިގެން އެ އިދާރާ އިން އިތުރު އެހެން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އިތުރު މައުލޫމާތު ހޯދުމަށް މީޑިއާ ކުރި މަސައްކަތުގައި އެ އިދާރާގެ ތަރުޖަމާނު ވިދާޅުވީ، މިވަގުތަށް ހިއްސާ ކުރެވޭނެ އިތުރު އެހެން އެއްވެސް މައުލޫމާތެއް ނެތް ކަމަށެވެ.
ފުލުހުން އެ އިދާރާ ބަލައި ފާސްކޮށްފައިވާއިރު، މިހާތަނަށް ފުލުހުންގެ އިދާރާ އިން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ފުލުހުން ވެސް ވަނީ އޮލިމްޕިކްސް މައި އިދާރާ ބަލައި ފާސްކޮށްފައިވާކަން މީޑިއާތަކަށް ކަށްވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް ބައެއް މީޑިއާތަކުގައި ވަނީ އެ ވާހަކަ އެކި ގޮތް ގޮތަށް ރިޕޯޓުކޮށްފަ އެވެ.
ނޭޝަނަލް ފައިނޭންޝަލް ޕްރޮސެކިއުޓާ (ޕީއެންއެފް) އިން ބުނީ ޕެރިސް 2024 ގެ މައި އިދާރާ ބަލައި ފާސްކުރީ ސަމާ ގޭމްސް އިންތިޒާމް ކުރާ ކޮމިޓީން ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭ އިބްތިދާއީ ތަހުގީގެއް 2017 ވަނަ އަހަރު ފެށުމަށް ފަހު ކަމަށެވެ. އަދި އެ އަހަރުން ފެށިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަންނަ އަހަރު ޕެރިހުގައި އޮލިމްޕިކްސް ބޭއްވުމަށް ތާވަލްކޮށްފައި ވަނީ އަންނަ އަހަރުގެ ޖުލައި 26 އިން އޯގަސްޓު 11 އަށެވެ.