ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކްރިކް ރިޒާގެ އިތުރުން 2 ކުންފުންޏެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.
މި މައްސަލައިގައި ހޯމަ ދުވަހުވެސް އަޑުއެހުމެއް ތާވަލުކުރިއެވެ. އެ އަޑުއެހުން ކެންސަލްވީ ދައުވާލިބޭ ކްރިކް ރިޒާ ބަލިވެ އުޅޭކަމަށް ކޯޓަށް އެންގުމާއި ގުޅިގެންނެވެ.
އޭގެ އިތުރުން، އަންގާރަ ދުވަހު ހެނދުނު 09:00 އަށްވެސް މި މައްސަލައިގެ އަޑުއެހުން ތާވަލުކުރިއެވެ. ނަމަވެސް މިއަދުގެ އަޑުއެހުންވެސް ކުރިއަށް ގެންދެވިފައި ނުވަނީ ކްރިކް ރިޒާ ބަލިވެ އުޅޭތީކަމަށް ކޯޓުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި ޑިޖިޓަލް އެވިޑެންސް އެގްޒެމިނަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެއްގެ ހެކިބަހާއި، މި މައްސަލައާ ގުޅިގެން ކިތާބީ ހެކީގެ ގޮތުގައި ހުށައަޅާފައިވާ ފިންގަރ ޕްރިންޓް އެނާލިސިސް ރިޕޯޓާއި ގުޅިގެން ޚަބީރެއްގެ ގޮތުގައި ހާޒިރު ކުރެއްވި ފަރާތުގެ ހެކިބަސް ނަގާފައެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.