އިތުބާރުނެތްކަމުގެ މައްސަލައިގައި ޒިންމާއިން އެކަހެރިވެ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބޭއްވިއެވެ.
އެންމެފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ ހޯމަ ދުވަހުއެވެ. އެދުވަހުގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ނެތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމާއި ގުޅިގެން، ރިޔާސަތު ބެލެހެއްޓުން އުޒުރުވެރިވެވަޑައިގަންނަވާތީއެވެ.
އެމަނިކުގާނުގެ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ 54 މެމްބަރުންގެ ސޮޔާއެކު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުއްވުމުން ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްގައި މިކަން ކުރާ ގޮތް ބައްލަވާ ކަމަށާއި، އެގޮތަށް ބައްލަވާނަމަ އެމަނިކުފާނު ރިޔާސަތުގައި އިތުރަށް އިންނެވުމަކީ އެއްގޮތަކަށްވެސް ކަމުދާ ގޮތެއް ނޫން ކަމަށް ނަޝީދު ވިދާޅުވިެފައިވެއެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން ރިޔާސަތުގައި މަޖިލީހުގެ ރައީސް އަދި ނައިބް ރައީސް ވެސް ނެތްނަމަ ދެން ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގައި އެންމެ ދުވަސްވީ މެންބަރުންގެ ތެރެއިން އެންމެ އުމުރުން ދޮށީ މެންބަރެކެވެ.
އިއްޔެގެ މަޖިލީހުގެ ޖަލްސާ ނިންމާލި އިރު މަޖިލިސް ޗުއްޓިއަށް ދިޔަކަމެއް އިއުލާން ނުކުރެއެވެ. މަޖިލިސް ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި މެންބަރު ހަަސަން އަފީފު ވިދާޅުވެފައިވަނީ އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ތިންވަނަ ކިއުން އިއްވާ ކަމަށާއި، އެ ބިލަށް ވޯޓަށް އެހުން އޮންނާނީ ދެން ވޯޓު އޮންނަ ދުވަހަކު ކަމަށެވެ. އަދި މަޖިލިސް ނިންމާލެއްވިއެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެކަމަށް މަޖިލީހުގެ ރައީސްގެ ޝަރުތަކީ، އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކަމަށްވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމެވެ.
ނަމަވެސް މަޖިލީހަށް މިވަގުތު ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދެވޭނެ ގޮތްތައް މަޖިލީހުގެ އަމީންއާންމު ވަނީ މަޖިލީހުގެ ރައީސްއަށް ދަންނަވާފައެވެ.
އެގޮތުން އީވާގެ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހެޅޭ ޖަލްސާގައި ވާހަކަ ދައްކާނެ މެންބަރުންގެ އަދަދާއި، ފުރުސަތުގެ އަދަދާއި ފުރުސަތުގެ ދިގުމިން އާންމު ކޮމިޓން ކަނޑައެޅުން އަވަސް ކުރުމަށްޓަކައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން ހިމެނޭ ނިސްބަތަށް އައި ބަދަލާ ގުޅޭގޮތުން މަޖިލީހުން ގޮތެއް ކަނޑައެޅުމަށްޓަކައި އެ މައްސަލަ ދެން އެންމެ އަވަހަށް އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްދެއްވުމަށެވެ.
އަދި މަޖިލީހުގެ ނައިބްރައީސް މަގާމުން ވަކިކުކުރުމުގެ ގަރާރު ހުށަހެޅޭ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު، މަޖިލީހުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައެޅިގެން އެހެން ފަރާތަކާއި ހަވާލުކުރެއްވުމެވެ.
ނުވަތަ މި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ކަމަށް ފެނިވަޑައިގަންނަވާ ދެވަނަ ގޮތަކީ، އެ ގަރާރު ހުށަހެޅުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހުގެ ރައިސް ކަނޑައެޅިގެން އެހެން ފަރާތަކާ ހަވާލުކުރައްވާ، އެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ކ) ގައި ބުނާ ބަހުސްގެ ވަގުތުތަކާއި އަދަދުތައް މަޖިލީހުން ކަނޑައަޅައި، އެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.
ތިންވަނަ ގޮތަކީ އެ ގަރާރު ހުށަހެޅޭ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާއި، އެ ގަރާރުގެ ބަހުސް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށްޓަކައި މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޖިލީހުގެ އާންމު ޖަލްސާއަކަށް އެކަން މަޖިލީހުން ރައިސް އެޖެންޑާ ކޮށްދެއްވުމަށެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ނައިބްރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 250 ވަނަ މާއްދާގެ (ބ) އަށް ބެލުމުން އެނގެން އޮވެއެވެ.