ސުޕްރީމް ކޯޓުން ކުރި ޙުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު، ނިމިދިޔަ 18 ވަރަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނާޒިމް، ބަދަލު ހޯދަން ހުށަހެޅި މައްސަލައަކީ ސިވިލް ކޯޓުން ބެލޭނެ މައްސަލައެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން، ފަނޑިޔާރު މުޙައްމަދު އިބްރާހިމްއެވެ.
ނާޒިމުގެ ގޮނޑި ގެއްލުނީ، މެންބަރުކަމުގައި ހުންނަވަނިކޮށް އޭނާގެ މައްޗަށް 2015 ވަނަ އަހަރު ސާބިތުވި މަކަރާއި ހީލަތް ހެދުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން 25 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވުމާއި ގުޅިގެންނެވެ. ނަމަވެސް ނާޒިމުގެ ފަރާތުން އެ މައްސަލަ ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށައެޅުއްވުމުން ކޯޓުން ވަނީ އޭނާގެ ޙުކުމް ބާޠިލު ކޮށްފައެވެ.
ވުމާއެކު، ޤާނޫނާ ޚިލާފަށް ޖަލު އަދަބު ކަނޑައެޅުމުގެ ސަބަބުން އޭނާގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ގެއްލިފައިވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި، ގޮނޑި ގެއްލުމުގެ ސަބަބުން އެވީ މުއްދަތުގެ ތެރޭގައި ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަން ފައިސާ ދޭން ކަނޑައަޅައި ދިނުމަށް އެދި ނާޒިމް މައްސަލަ ހުށައެޅުއްވީއެވެ.
ނަމަވެސް ސިވިލް ކޯޓުގެ ރަޖިސްޓްރަރ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމަވާފައެވެ.
ރަޖިސްޓްރަރ މިހެން ނިންމެވީ، މަތީ ކޯޓަކުން ނިންމާ މައްސަލަތަކުގައި ބަދަލު ދިނުމުގެ އިހްތިސާސް ސިވިލް ކޯޓަށް ނެތްކަމަށް ބުނެއެވެ. ރަޖިސްޓްރަރގެ ނިންމުން ރިވިއުކޮށްދިނުމަށް އެދި ސިވިލް ކޯޓުގެ އިސް ގާޒީއަށް ހުށައެޅުއްވުމުން، އިސްގާޒީ ނިންމެވީ ރަޖިސްޓްރަރގެ ނިންމުން ރަނގަޅު ކަމަށެވެ.
އެހިސާބުން، ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމެވުމާއި މެދު ހިތްހަމަ ނުޖެހި، 4 އިސްތިއުނާފީ ނުކުތާއަކާއެކު ހައިކޯޓަށް ނާޒިމް މައްސަލަ ހުށައެޅުއްވިއެވެ. ނަމަވެސް އެ މައްސަލަވެސް ނިމިފައިވަނީ ނާޒިމްއާ ދެކޮޅަށެވެ.
ވުމާއެކު، މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލައަކީ އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމުން ބަލާފައިވާ މައްސަލައެކެވެ. އެގޮތުން އާދިއްތަ ދުވަހު ވަނީ މި މައްސަލައިގެ ޙުކުމް ކުރައްވާފައެވެ.
ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް 3 އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ މި މައްސަލައިގެ މައުޟޫއަށްސިވިލް ކޯޓުން ގޮތެއް ނިންމާފައި އޮތް އޮތުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ކޯޓުތަކުގެ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.
ދެވަނަ ނުކުތާއަކީ މި މައްސަލައިގެ މައުޟޫގައި ހިމެނޭ ކަންކަމަށް ހައިކޯޓުން ގޮތެއް ނިންމާފައިވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.
އޭގެ އިތުރުން، މައުޟޫއީ ގޮތުން ހައިކޯޓުގައި މައްސަލަ ނިންމެވިއިރު ފަނޑިޔާރުންގެ ޤާނޫނާއި ޤާނޫނު އަސާސީއާ ޚިލާފަށް ގޮތް ނިންމާފައިވާކަމަށް ބުނެ ހުށައެޅި ނުކުތާއެއްވެސް ހިމެނެއެވެ.
ނާޒިމްގެ ފަރާތުން ވަނީ މިއީ ސިވިލް ކޯޓުން މައުޟޫއީ ގޮތުން ކުރިއަށް ގެންދަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް ސުޕްރީމް ކޯޓުގައި އެދިފައެވެ. އެ ނުކުތާތަކަށް ދައުލަތުން ރައްދު ދީފައިވާއިރު، ދައުލަތުންވެސް ވަނީ 4 ނުކުތާއެއް ބަޔާންކޮށްފައެވެ.
ރިޔާސަތުގެ ރައުޔު އިއްވަވަމުން ފަނޑިޔާރު މަހާޒު ވަނީ ސިވިލް ކޯޓުގެ ނިންމުމާއި، އެ ނިންމުމަށް ތައީދުކޮށް ހައިކޯޓުން ނިންމާފައިވާ ނިންމުން ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ވިދާޅުވެ، އެ ނިންމުންތައް ބާތިލުކަމަށް ވިދާޅުވެފައެވެ.
އަދި މި މައްސަލައަކީ އަލުން ސިވިލް ކޯޓުން ބެލޭނެ މައްސަލައެއްކަމަށާއި، އެގޮތުން 14 ދުވަސް ތެރޭގައި މި މައްސަލަ ހުށައަޅައިފިނަމަ، ސިވިލް ކޯޓުން މި މައްސަލަ އަލުން ބަލައި ގޮތެއް ނިންމަންޖެހޭނެކަމަށް ފެނިލައްވާކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.
ދެން ތިއްބެވި ދެ ފަނޑިޔާރުންވެސް ވަނީ މަހާޒުގެ ރައުޔަށް ތާއީދު ކުރައްވާފައެވެ.