Advertisement
ކ. މާލެ
|
13 ނޮވެންބަރ 2025 | ބުރާސްފަތި 14:52
ބަޖެޓް ދިރާސާކުރާ ކޮމިޓީ ގައި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވާހަކަ ދައްކަވަނީ
ބަޖެޓް ދިރާސާކުރާ ކޮމިޓީ ގައި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވާހަކަ ދައްކަވަނީ
މަޖިލިސް
މޯލްޑިވްސް ކަސްޓަމްސް ސާރވިސް
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް
ކޮންޓެއިނަރު ސްކޭން ނުކުރެވޭ ކަމަށްވާނަމަ ލަކުނޑި ކޮންޓެއިނަރުގައި ސިނގިރޭޓް އެތެރެ ކުރާނެ

ބޮޑެތި މައްސަލަތަކެއް ފެންމަތިވި ނަމަވެސް މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ބަޖެޓް ދިރާސާކުރާ ކޮމިޓީ ގައި ވާހަކަ ދައްކަވަމުން މެންބަރު ނާޒިމް ވިދާޅުވީ، ކަސްޓަމްސް ގައި ވަސީލަތްތައް ނެތް ކަމަށާއި، އެކަށީގެންވާ ގޮތުގައި ކަސްޓަމްސް އަށް މަސައްކަތް ނުކުރެވޭ ކަމަށެވެ.

މެންބަރު ނާޒިމް ވިދާޅުވީ ކަސްޓަމްސް ގައި ވަސީލަތްތައް ނެތުމުން އެކަން ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި، އެކަމުގެ ކަންބޮޑުވުން އެބޭފުޅުން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ވަސީލަތްތައް ހޯދައިނުދީ ޖަވާބުދާރީ ނުކުރެވޭނެ ކަމަށް މެންބަރު ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން މެންބަރު ނާޒިމް ވިދާޅުވީ، ކޮންޓެއިނަރު ސްކޭން ނުކުރެވޭ ކަމަށްވާނަމަ ލަކުޑި ކޮންޓެއިނަރުގައި ސިނގިރޭޓް އެތެރެ ކުރާނެ ކަމަށާއި، ހައްލެއް ނުހޯދޭނެ ކަމަށެވެ. އެހެންކަމުން ވަސީލަތްތައް އިތުރުކޮށް މަސައްކަތް ކުރެވޭނެ ގޮތް ހޯދައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މެންބަރު ނާޒިމް ވިދާޅުވީ ކަސްޓަމްސްގެ މަސައްކަތަށް އެހެން މުއައްސަސާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. ޕޯޓްސް އިން ކަސްޓަމްސް އަށް ބޭނުންވާ ޖާގަ ނުދޭ މައްސަލަ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި، ޖާގައިގެ ދަތިކަމުން މަސައްކަތަށް ދަތިވެފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލަ އަށް ވެސް ހައްލެއް ހޯދައިދޭން ޖެހޭ ކަމަށެވެ.

އެންމެ ފަހުން އައްޑޫގެ ބަނދަރަށް ކްލިއަރ ކުރި ސިނގިރޭޓް ކޮންޓެއިނަރއަކީ ވެސް ދުބާއީ މަގުން މާލެ އައިސްފައި މާލެއިން އައްޑޫ އަށް ގެންދެވުނު ކޮންޓެއިނަރ އެއް އެ ކޮންޓެއިނަރ އަކީ. ދެން މިހާރު މާލޭގައި ހުރިހާ އެއްޗެއް ސްކޭން ކުރެވިފައި އަތޮޅުތަކަށް ރަަށްތަކަށް ދާނަމަ މައްސަލަ އޮންނާނީ ހައްލުވެފައި. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކަސްޓަމްސްގެ ކަންތައްތައް ހައްލު ކޮށްދޭން އެބަ ޖެހޭ.

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

ބޮޑެތި މައްސަލަތަކާ އެކު ވެސް ކަސްޓަމްސް ޖަވާބުދާރީ ނުކުރެވޭނެ ކަމަށް މެންބަރު ނާޒިމް ވިދާޅުވި އިރު، ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރެޓް ވަގަށް ނެގި މައްސަލައެއް އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ފެންމަތިވެގެން ގޮސްފަ އެވެ. އަދި ކަސްޓަމްސް އިން ގާނޫނާ ކަނޑައެޅިގެން ޚިލާފަށް، އެއްވެސް ސަލާމަތީ ސެޓްފިކެޓެއް ނެތް ލޯންޗެއް ދުއްވިކަން ވެސް ވަނީ ހާމަވެގެން ގޮސްފަ އެވެ.

ކަސްޓަމްސްގެ ގިނަ މައްސަލަތަކެއް ފެންމަތި ވަމުންދާއިރު، މުވައްޒަފުން ސަސްޕެންޑް ކުރުން ފިޔަވައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިނުވާ ކަމަށާއި، ސަރުކާރު ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

- ކޮމެންޓް