Advertisement
ކ. މާލެ
|
14 ނޮވެންބަރ 2025 | ހުކުރު 13:30
ހެލްތް އެކްސްޕޯ 2025 ގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަހުމަދު ނާޒިމް ވާހަކަ ދައްކަވަނީ
ހެލްތް އެކްސްޕޯ 2025 ގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަހުމަދު ނާޒިމް ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
ސިއްހީ ނިޒާމު
ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ތާރީހުގައި މިހާތަނަށް ނުފެންނަ ވަރަށް ފެސިލިޓީތަކުން މީހުން ހޭލުންތެރި ކުރުވުމަށް ދަނީ މަސައްކަތް ކުރަމުން: ހެލްތް މިނިސްޓަރު ނާޒިމް
ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރަމުން ދަނީ ލިމިޓެޑް ރިސޯސްއާއެކު
ރައްޔިތުންގެ ބިހޭވިޔަރއަށް ބަދަލު ގެނައުމަށް ދަނީ މަސައްކަތް ކުރަމުން
ސިއްހީ ނިޒާމު ދުވަހުން ދުވަހަކަށް ދަނީ ދަށްވަމުން

ދިވެހި މުޖުތަމައު ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ދިވެހި ތާރީހުގައި މިހާތަނަށް ނުފެންނަ ވަރަށް އަތޮޅުތެރޭގެ ފެސިލިޓީތަކުން މީހުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ހުޅުވި ހެލްތް އެކްސްޕޯ 2025 ގެ ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައިގަނޑު އެއް އަސާސްއަކީ، ދިވެހި ރައްޔިތުންނާއި، މުޖުތަމައު ބަލިމަޑުން ސަލާމަތްކޮށް ދުޅަހެޔޮ މުޖުތަމައުއެއް ގާއިމް ކުރުން ކަމަށާއި، އެގޮތަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ ބަލިމަޑުކަމުން ދިވެހި މުޖުތަމައު ސަލާމަތް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ނަތީޖާ މިއަދު ނުފެނުނު ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ ފެންނާނެ ކަމަށާއި، ދިވެހި ތާރީހުގައި މިކަން ކުލަ ގޮދަކޮށް ފެންނަން އޮންނާނެ ކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކުން މި ވާހަކަ ދައްކާނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ދިވެހި ތާރީހުގައި މިހާތަނަށް ނުފެންނަ ވަރަށް އަތޮޅުތެރޭގެ ފެސިލިޓީތަކުން ވެސް މީހުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ހުރިހާ އަތޮޅެއްގެ ކުދި ބޮޑު ހުރިހާ ހެލްތް ފެސިލިޓީތަކުން މުޖުތަމައުގެ އެކިއެކި މުއައްސަސާތަކާ ގުޅިގެން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރަމުން ދަނީ ލިމިޓެޑް ރިސޯސްއާއެކު ކަމަށެވެ.

ތަކުރާރުކޮށް އަޅުގަނޑުމެންގެ ރައީސް އަޅުގަނޑުމެންނަށް ވިދާޅުވަނީ މިކަމުގެ މުހިންމުކަން އެކި ގޮތްގޮތުން ރައްޔިތުންނަށް ހާމަ ކޮށްދެއްވާށޭ. އެމަނިކުފާނުގެ ސިޔާސަތުތަކުގައި ވަރަށް ބޯލްޑްކޮށް ވަރަށް ކުލަގަދަ ކޮށް ލިޔުއްވާފައި ވަނީ. އަދި މިފަދަ ގިނަ ހަރަކާތްތަކަށް ދައުލަތުގެ މާލިއްޔާއިން ވެސް ހަރަދު ކުރައްވާ ހިތްވަރު ދެއްވާ މިކަމުގެ މުހިންމު ކަން އަމަލީ ގޮތުން ވެސް ސާބިތު ކޮށްދެއްވަމުން އެ ގެންދަވަނީ. ގާނޫނުތަކަށް ވެސް ގެންނަވަން ޖެހޭ ބަދަލުތައް އެގެންނަވަނީ. އަމަލީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން އެގެންދަވަނީ. ތަންފީޒީ އިދާރާތަކަށް ދެއްވަންޖެހޭ ބާރު ދެއްވަމުން އެ ގެންދަވަނީ. މިއީ ރައްޔިތުންގެ ބިހޭވިޔަރއަށް އަންނަންޖެހޭ ބަދަލަކަށް ވުމާއެކު މިފަދަ ކަންކަމުގެ ނަތީޖާ ފެންނަން ވަގުތުތަކެއް ނަގާނެ.

ހެލްތް މިނިސްޓަރު އަހުމަދު ނާޒިމް

މިނިސްޓަރު ނާޒިމް ވިދާޅުވީ، ރައްޔިތުންގެ ބިހޭވިޔަރއަށް ބަދަލު ގެނައުމަށް މަސައްކަތް ކުރާއިރު، އެ ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށް ދިނުމާއި، އެ މައުލޫމާތު ލިބުމާއެކު އެ މައުލޫމާތާ އެއްގޮތަށް އަމަލު ކުރާނެ ގޮތް ދަސްކޮށް ދޭން ޖެހޭ ކަމަށެވެ. އަދި ބަލިތަކުން ސަލާމަތްވެ ހުރުމުގެ ޝައުގުވެރިކަމާ އެ ވައްޓަފާޅީ އާއި އެވިސްނުމުގެ މޯޓިވޭޝަން ގެނެސް ދިނުމަށް މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

މީހުން ހޭލުންތެރި ކުރުވުމާ ގުޅޭގޮތުން މިނިސްޓަރު ނާޒިމް ވާހަކަ ދެއްކެވިއިރު، ރާއްޖޭގެ ސިއްހީ ނިޒާމު ދުވަހުން ދުވަހަކަށް ދަނީ ދަށްވަމުންނެވެ. އާސަންދަ ޚިދުމަތް ރަނގަޅަށް ނުލިބޭއިރު، ބޭހުގެ ދަތިކަން ވަނީ މުޅި ރާއްޖެއަށް ކުރިމަތިވެފަ އެވެ. އަދި އަތޮޅު ތެރޭގައި ސިއްހީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކުން މީގެ ކުރިން ލިބުނު ޚިދުމަތްތައް ނުލިބޭ މައްސަލަ ބޮޑެވެ. މިފަހުން ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ ގިނަ ޚިދުމަތްތައް ހުއްޓުމަކަށް އައިސް، އޮޕަރޭޝަންތައް ވެސް ނުކުރެވޭ ހާލަތަށް އައުމާ ގުޅިގެން އެރަށުގެ ރައްޔިތުން އެކަމުގެ ނުރުހުން ފާޅު ކޮށްފައިވެ އެވެ.

- ކޮމެންޓް