ބ. ތުޅާދޫގެ ހައުސިންގ މަޝްރޫއު ކުރިއަށްގެންދާ ކުންފުނި ކަމަށްވާ، ފްލެކްސިނުން އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ ރަށުގައި ބޮޑު އިމާރާތަކާއި ޑްރައިވިން ޓްރެކެއް ހެދުމަށް ތައްޔާރުވެއްޖެއެވެ.
"ރާއްޖެޓީވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން، އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ފްލެކްސިންއާ ދެމެދު މިހާރު ވަނީ އެއްބަސްވުންތަކުގައި ސޮއި ވެސްކޮށްފައެވެ.
ފްލެކްސިންގެ އިޖުތިމާއީ ޒިންމާގެ ދަށުން އަޅާ ބޮޑު އިމާރާތަކީ ތުޅާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ދޫކޮށްފައިވާ ބިމުގައި އަޅާ އިމާރތާތެކެވެ. މި އިމާރާތުގައި ދެ ކޮޓަރިއާއި ހޯލަކާއި ފިހާރައެއް ހިމެނޭނެއެވެ.
ތުޅާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ދޫމާ އަބްދުލްކަރީމް ވިދާޅުވީ މި އިމާރާތުގެ އަގު 1.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިއީ އެ ކޮމިޓީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި މީގެ ސަބަބުން ދާއިމީގޮތެއްގައި އެ ކޮމިޓީއަށް އާމްދަނީ ލިބިގެންދާނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތުޅާދޫ ކައުންސިލްގެ ނައިބުރައީސް މުޙައްމަދު އަލީ މަނިކު ވިދާޅުވި ގޮތުގައި ޑްރައިވިން ޓްރެކަކީ ގާތްގަނޑަކަށް 900،000 ރުފިޔާ ޚަރަދުވާނެ ޕްރޮޖެކްޓެކެވެ، މިއީ އަމިއްލަ ކުންފުންޏަކުން އެ ރަށުގައި ހިންގާ މިފަދަ ފުރަތަމަ ޕްރޮޖެކްޓު ކަމަށާއި އެ ޓްރެކްގެ ސަބަބުން ތުޅާދޫއާއި ތުޅާދޫ ކައިރި ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް ފަސޭހަތަކެއް ވެގެންދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ރަށާ ކައިރި ރަށްތަކުގެ ރައްޔިތުން މިހާރު ލައިސަންސް ނެގުމަށް ދިގު ދަތުރެއް ކޮށް، އެ އަތޮޅުގެ އޭދަފުއްޓަށް ދާންޖެހޭއިރު މި ޓްރެކާއެކު ރާއްޖޭގެ ކޮންމެތަނެއްގައިވެސް ދުއްވޭ ފެންވަރުގެ ލައިސަންސް ކާޑު އެރަށުން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފްލެކްސްއިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ނަޖާހު ޝަރީފް ވިދާޅުވީ މި ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރެވޭނެ ކަމަށެވެ. އަދި މިއީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ މަޝްވަރާ ކުރުމަށްފަހު އެ ފަރާތްތަކުން އެދުނު ކަންކަން ކަމަށާއި އެ ޕްރޮޖެކްޓުތައް ހިންގަން ނިންމީ ތުޅާދޫގައި ބޮޑު މަޝްރޫއެއް ނިންމާ އެނބުރި ދާއިރު ރަށަށް އިތުރު ކަމެއް ކޮށްދިނުމަކީ އިޖުތިމާއީ ޒިންމާއެއްކަމުގައި ދެކޭތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.