ބާރު ސްޕީޑުގައި އެއަރޕޯޓުގެ ބިން ހިއްކައި ނިންމާނެ ކަމަށް ރައީސް މުއިއްޒު ތުޅާދޫ ރައްޔިތުން ގާތު ވިދާޅުވުމަށް ފަހު ބިން ހިއްކުމުގެ މަޝްރޫއު ގެ މަސައްކަތް ހުއްޓާލައިފިއެވެ.
ތުޅާދޫ އެއަރޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ.
އެދުވަހު ރައީސް މުއިއްޒު ތުޅާދޫ ރައްޔިތުންނާ ބައްދަލު ކޮށް ދެއްކެވި ވާހަކައިގައި، "އަޅުގަނޑު މިއަދު އެންމެ ފުރަތަމަވެސް މިކަމާ ގުޅޭގޮތުން ދަންނަވަން އޮތް ވާހަކައަކީ، ތިޔަބޭފުޅުންނަށް އަޅުގަނޑު ދޭ ފުރިހަމަ ޔަޤީންކަން. އިރާދަކުރެއްވީތީ، މިއަދު މި ފެށޭ އެއަރޕޯޓުގެ މަޝްރޫޢު ހުއްޓުމެއްނެތި، ބާރު ސްޕީޑުގައި ގެންގޮސް، ފުރިހަމަ އަށް ނިންމައިދޭނެ ކަމުގެ ޔަޤީންކަން،" ކަމުގައި ވިދާޅުވިއެވެ.
އޭގެ އިތުރުން މުއިއްޒު ވިދާޅުވީ އެއަރޕޯޓު މަޝްރޫއަކީ ރަަށުގެ ތަރައްގީ އަށް އެންމެ މުހިންމު މަޝްރޫއު ކަމުގައެވެ.
މަޝްރޫއުގެ ދަށުން 55 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ބާރު ސްޕީޑުގައި ގެންދަވަން ވިދާޅުވި މަސައްކަތް ފެށިތާ 2 މަސް ދުވަސް ފާއިތު ވިއިރު ހިކިފައިވަނީ ގާތްގަނޑަށް އެންމެ ހެކްޓަރެއްގެ ބިމެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންނަ ބޯޓު އަނބުރާ ގެނައުމަށް ހޮޅިލައިން ނެގުމުގެ މަސައްކަތް އެމްޓީސީސީ ޓީމުން ވަނީ ކޮށްފައެވެ.
މަޝްރޫއުގެ މަސައްކަތް އެނގޭ ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުު ކޮށް ބުނީ، ފުރަތަމަ ރޭވިފައި އޮތީ ވެސް ފަޅު ތެރެއިން ބަންޑުވޯލު ޖެހުމަށް ބޭނުންވާ ވެލި ނެގުމަށް އެކަނި ކަމަށާއި އެހެން ނަމަވެސް އެ ޕްލޭން ބަދަލުވެ، ހިއްކަމުންދާ ސަރަހައްދުގައި އޮތް ފުންގަނޑެއް ވެސް ބޯޓު ބޭނުން ކޮށްގެން ހިއްކާފައިވާ ކަމަށެވެ.
އެމްޓީސީސީ އިން މި ގޮތައް ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު، ރައީސް މުއިއްޒު ވަނީ ތުޅާދޫގެ ރައްޔިތުންނާ ދެއްކެވި ވާހަކައިގައި ކަޓަރ ސަކްޝަން ޑްރެޖަރެއް ބޭނުން ކޮށްގެން ހިއްކުމުގެ މަސައްކަތް ފެށި ސަބަބަކީ އީއައިއޭ ރިޕޯޓުގައި އެހެން އޮތީމާ ކަމަށް ވިދާޅުވެފައެވެ.
އީއައިއޭ ގައި އޮތް ގޮތަށް މަސައްކަތް ފެށި ނަމަވެސް، އާ އެމެންޑްމަންޓެއް ގެނެސް، ހޮޕަރ ޑްރެޖިންގ އިން މަސައްކަތް ކުރާގޮތަށް ބަދަލު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭރުން މަސައްކަތް އަވަސް ވާނެ ކަމަށާއި އަދި އޭރުން ތުޅާދޫގެ ފަޅުތެރެއިން ވެލި ނެގުމުގެ ކަންބޮޑުވުން ނެތިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު އެގޮތަށް ހުއްޓުމެއްނެތި ކުރިޔަށްދާނެ. ބާރު ސްޕީޑުގައި ބިން ހިއްކައި ނިމި، އަދި ރަންވޭ، ދެންހުރި ހުރިހާ ކަމެއް ދާގޮތަށް، މިއަދު މި ސޮއިކުރެވުނު ގޮތަށް ދާނެ." މުއިއްޒު ވިދާޅުވިއެވެ.
އީއައިއޭ އަށް މަތިކުރައްވާ މުއިއްޒު މި މޭރުމުން ވާހަކަ ދައްކަވާފައި ވާއިރު، އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީގެ ވެބްސައިޓް ގައި އެވިދާޅުވި އެމެންޑްމަންޓް އަދި ވެސް އާންމު ކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ.
އަނެއްކޮޅުން، އީއައިއޭ ގައި އޮތީތީ ކަޓަރ ޝަކްޝަން ޑްރެޖަރު ބޭނުން ކުރައްވަނީ ކަމަށް މުއިއްޒު ވިދާޅުވިއިރު މަސައްކަތް ކުރިއަށްދާ ގޮތުގެ ފޮޓޯ ތަކަށް ބެލުމުން ކިސަޑު ކޮންޓްރޯލު ކުރުމަށް ބަންޑު ވޯލެއް ހާ ހިސާބުވެސް ޖަހާފައި ނެތް ކަން ފާހަގަ ކުރެވެއެވެ. އެހެން ކަމުން ހިއްކުން ކުރިއަށް ގެންގޮސްފައިވަނީ މިފަދަ މަޝްރޫއުތަކަށް ހަދާ އީއައިއޭ ގައި އެންމެ އާދައިގެ ރެކޮމެންޑޭޝަންގެ ގޮތުގައި ހިމެނޭ ކިސަޑު ކޮންޓްރޯލު ކުރުމަށް ޖަހަންޖެހޭ ބަންޑު ވޯލު ވެސް ނުޖަހާކަން ވަނީ ހާމަވެފައެވެ.
ކަޓަރ ސަކްޝަން ޑްރެޖަރު ރަށުން ފުރުމަށް ތައްޔާރު ވަމުން ދާއިރު މުއިއްޒު ވިދާޅުވި ގޮތައް ކަނޑުން ވެލިނަގާ ޑްރެޖަރުގެ ކަންކަން އޮތް ހިސާބެއް އަދި ނޭނގޭ ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.
"އެމްޓީސީސީ އިން އަންގައިގެން މި ވަގުތު ޕްރޮޖެކްޓް ހުއްޓާލައި، ބޯޓު ގެންދިއުމަށް ތައްޔާރު ކޮށްފައި އޮތީ،" މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ރައީސް މުއިއްޒު ތުޅާދޫ އަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުން ގާތު ވިދާޅުވީ، އެމަނިކުފާނުގެ އެންމެ އެންމެ މުހިންމު ޒިންމާ އަދި މަސްއޫލިއްޔަތަކީ، ވާ ވަޢުދުތައް ފުއްދުމަށް އަމާނާތްތެރިކަމާ އެކީގައި، އިޚްލާޞްތެރިކަމާ އެކީގައި، ސަމާލުކަންދީގެން މަސައްކަތް ކުރެއްވުން ކަމުގައެވެ.