ކ. މާލެ
|
17 ޖޫން 2023 | ހޮނިހިރު 11:00
ޕާކިސްތާނުގެ ކޯޗު ރިއާޒް މާލިކް
ޕާކިސްތާނުގެ ކޯޗު ރިއާޒް މާލިކް
ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް
ގިނަ ގޮންޖެހުންތަކާ އެކު ވެސް ޕާކިސްތާނު ޓީމުގެ ހިތްވަރަށް ކޯޗުގެ ތައުރީފު
ރާއްޖޭގައި މުބާރާތް ކުޅުމުގައި ބޭނުން ކުރަމުން އަންނަ ބޯޅަ އަކީ ޕާކިސްތާނުން ލިބެން ހުރި ބޯޅައެއް ނޫން

ރާއްޖޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޕާކިސްތާނު ޓީމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި، ނަމަވެސް އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެންނަ ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް ކޯޗު ބުނެފި އެވެ.

ޕާކިސްތާނުގެ ކޯޗު މިހެން ބުނީ މުބާރާތުގައި އެ ޤައުމުން ކުޅުނު ދެ ވަނަ މެޗުގައި ރާއްޖޭގެ މައްޗަށް ކުރި ހޯދުމަށް ފަހު ވާހަކަ ދައްކަމުންނެވެ. ޕާކިސްތާނުގެ ފުރަތަމަ މެޗުގައި އެ ޓީމު ނޭޕާލް އަތުން ބަލިވެފައި ވަނީ ލީޑު ނަގާފައި ވަނިކޮށެވެ. ރާއްޖެ އަތުން ހޯދި މޮޅާއެކު ޕާކިސްތާނުން ވަނީ ސެމީ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފަ އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ، ރާއްޖޭގައި މުބާރާތް ކުޅުމުގައި ބޭނުން ކުރަމުން އަންނަ ބޯޅަ އަކީ ޕާކިސްތާނުން ލިބެން ހުރި ބޯޅައެއް ނޫން ކަމަށެވެ. އޭނާ ބުނީ ޕާކިސްތާނުން ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ، ރަބަރު ބޯޅަ ބޭނުންކޮށްގެން ކަމަށާއި، އެހެންކަމުން ލެދާ ބޯޅައިގައި ކުޅުމަށް އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ. ޚާއްސަކޮށް ފުރަތަމަ މެޗުގައި އެކަން ފެނުނުއިރު، ރާއްޖެ މެޗުގައި ވެސް އެކަން ދިމާވި ކަަމަށް ކޯޗު ވަނީ ބުނެފަ އެވެ.

ނަމަވެސް އެ އުނދަގުލާއެކު ވެސް ރާއްޖެއާ ދެކޮޅަށް ޕާކިސްތާނުގެ ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް ކަމަށާއި، ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށް ކޯޗު ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ފާހަގަ ކުރި ގޮތުގައި މުބާރާތަށް ތައްޔާރުވުމަށް ޕާކިސްތާނަށް އެކަށީގެންވާ ވަގުތެއް ވެސް ނުލިބެ އެވެ. އެގޮތުން މުބާރާތަށް ޓީމު ކުރިމަތިލީ އެންމެ ދިހަ ދުވަހުގެ ފަރިތަކުރުމަށް ފަހު ކަމަށާއި، އެހެންކަމުން ގިނަ ދުވަސްތަކަސް ފަރިތަކުރުން ކުރިއަށް ގެންދިޔަ ޓީމުތަކާ ޕާކިސްތާނާ ތަފާތުވާނެ ކަމަށް އޭނާ ޤަބޫލު ކުރެ އެވެ. އޭނާ ބުނީ ޕާކިސްތާނުގެ ކުޅުންތެރިން އަންނަނީ ދިމާވާ އެކި އެކި ގޮންޖެހުންތައް ހުރަސްކުރަމުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ކުޅުންތެރިން އެކަން ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އަހަރެންގެ ކުޅުންތެރިން ކުރި މަސައްކަތް ވަރަށް ބޮޑަށް ފާހަގަ ކުރަން. އިއްޔެ އަހަރަމެން ކުޅުނީ ފުރަތަމަ މެޗު، އަދި މި ކުޅޭ ބޯޅަ އަކީ އަހަރަމެން ޤައުމުގައި ލިބެން ހުންނަ ބޯޅައެއް ނޫން. އަހަރަމެން މަސައްކަތް ކުރީ އަހަރަމެންގެ ފެންވަރުން އެންމެ މޮޅަށް. އަހަރަމެން އަތުގައި ހުރީ ރަބަރު ބޯޅަ. މިއީ ލެދާ ބޯޅަ. މި ދެ ބޯޅައިގައި ތަފާތުތަކެއް ހުންނާނެ. އިއްޔެ އަހަރެންގެ ކުޅުންތެރިންގެ އަތުން ވަރަށް ފަސޭހައި ބޯޅަ ދޫވި، އަދި މިއަދު ވެސް އެކަން ފެނުނު، ކަލޭމެން ވެސް ތި ފާހަގަ ކުރިހެން. ސަބަބަކީ އަހަރަމެން ކުރިން މި ބޯޅަ ބޭނުން ނުކުރަން. އިއްޔެ އާއި މިއަަދު އަލަށް މި ބޭނުން ކުރީ.
ޕާކިސްތާނުގެ ކޯޗު

މީގެ އިތުރުން އޭނާ ބުނީ ޕާކިސްތާނަށް ލިބުނު ވަރަށް މުހިންމު މޮޅެއް ކަމަށެވެ. ޚާއްސަކޮށް ދެ ޓީމު ވެސް ގަދަ ހަތަރެއްގައި އޮތުމަށް ކުރަމުން އަންނަ މަސައްކަތުގައި، ރާއްޖެ އިން ވެސް ދެއްކީ މޮޅު ކުޅުމެއް ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް މޮޅުވާނީ ކޮންމެ ވެސް އެއް ޓީމެއް ކަމަށާއި، އެ މެޗަކީ ޕާކިސްތާނަށް މޮޅުވުން ހައްގު މެޗެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

މުބާރާތުގައި ދެން ޕާކިސްތާނަށް އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗެވެ.

- ކޮމެންޓް