ފޯރިގަދަ ފައިނަލް މެޗަށްފަހު ބަންގްލަދޭޝް ބަލިކޮށް ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބޫޓާން އިން ހޯދައިފިއެވެ.
މެޗު ނިމުމާ ހަމަޔަށް ދެ ޓީމުންވެސް ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގައި މޮޅު ކުޅުމެއް ދައްކާފައިވެއެވެ. ބޫޓާން މޮޅުވެފައިވަނީ 62-60 ގެ ނަތީޖާއަކުން ދެ ޕޮއިންޓުގެ ފަރަގަކާއެކުއެވެ.
ބަންގްލަދޭޝް އިން ވަރުގަދަކޮށް މެޗު ފަށައި، ފުރަތަމަ ކުއާޓާ ނިންމާލީ 15-13 އިން ކުރީގައި އޮވެގެނެވެ. ނަމަވެސް ބޫޓާން އިން ވަނީ ދެވަނަ ކުއާޓާގައި ކުޅުން ރަނގަޅުކޮށް، ބޮޑު ލީޑެއް ނަގާފައެވެ. މި ކުއާޓާ ނިމުނު އިރު ބޫޓާން ކުރީގައި އޮތީ 31-21 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ތިންވަނަ ކުއާޓާގައިވެސް ބޫޓާން އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި ކުއާޓާގައި އެ ޓީމުން ވަނީ 17 ޕޮއިންޓަށް ފަރަގު އިތުރުކޮށްފައެވެ. ބަންގްލަދޭޝް އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ މެޗުގެ ފަހު ކުއާޓާގައެވެ. އެގޮތުން، އެ ޓީމުން ވަނީ 24 ޕޮއިންޓު ސްކޯކޮށްފައެވެ. ބޫޓާން އަށް ސްކޯކުރެވުނީ 9 ޕޮއިންޓެވެ. މެޗުގެ ފަހު ވަގުތާ ހަމަޔަށްވެސް ބަންގްލަދޭޝް އަށް ފުރުސަތާއި އުންމީދު އޮތެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބަންގްލަދޭޝްގެ ޖާޒީ ނަންބަރު 12، މިތުން ކުމާރެވެ. އޭނާ ވަނީ 22 ޕޮއިންޓު ސްކޯކޮށްފައެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް މިތުން ކުމާރެވެ.
ޤައުމީ ޓީމުން ދަނީ މި މުބާރާތުގެ ސެމީ އިން ބަލިވި ދެ ޓީމު ކަމަށްވާ ޕާކިސްތާން އަދި ނޭޕާލް އާއެކު ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް މަޝްވަރާކުރަމުންނެވެ.