ހާލަތު ބަދަލުވެފައިވާނަމަ ދަފްރަތަށް ރަޖިސްޓްރީކޮށްގެން މައުލޫމާތު ބަދަލުކުރުން މުހިންމުކަމަށް، އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، އިސްމާއީލް އައްޒާމް ވަޖީހު ވިދާޅުވެއްޖެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރުމާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އައްޒާމު ވިދާޅުވީ، އެހީ ފޯރުކޮށްދޭއިރު ބަލާނީ ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ހާލަތު ބަދަލުވެފައިވާނަމަ ދަފްރަތަށް ރަޖިސްޓްރީކޮށްގެން މައުލޫމާތު ބަދަލުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.
އައްޒާމު ވިދާޅުވީ ފައިސާގެ އިނާޔަތް ބޭނުންނުވިނަމަވެސް ދަފްތަރުގައި މައުލޫމާތު ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ކަމެއް ދިމާވެއްޖެނަމަ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން 4000 ވަރަކަށް މީހުން ދަފްތަރަށް ރަޖިސްޓްރީ ނުކޮށް ވާކަމަށް ބެލެވޭކަމަށްވެސް ވިދާޅުވިއެވެ. ދަފްތަރު ބޭނުންކުރަނީ ހަމައެކަނި ފައިސާގެ އިނާއަތް ދިނުމަކަށް ނޫންކަމަށާއި، މުއައްސަސާތަކުން ދެމުންދާ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ދަފްތަރު ބޭނުންކުރާކަމަށް ވިދާޅުވިއެވެ.
އައްޒާމު ވިދާޅުވީ ހުރިހާ އެންމެންނަށް އެއް އަދަދު ދިނުމުން އެންމެ ހާލުގައި އުޅޭ މީހުންނަށް އޭގެ ފައިދާ ނުލިބޭކަމަށާއި، އެހެންކަމުން މިފަހަރު އިނާޔަތްތައް ދޭ ކެޓަގަރީތައް ކަނޑައަޅާފައިވާ ކަމަށެވެ. ތައާރަފު ކުރެވުނު އިނާޔަތްތައް ކަނޑައެޅޭނީ އެފަރާތުގެ ހާލަތަށް ބަލައިގެން ކަމަށްވެސް ވިދާޅުވިއެވެ.
އިނާޔަތް ދިނުމުގައި ބަލާނީ ނުކުޅެދުންތެރިކަން ހުރި މީހާ ބަލާ މީހާގެ ހާލަތެއް ނޫން ކަމަށާއި ސަރުކާރުން ބަލާނީ ނުކުޅެދުންތެރިކަން ހުންނަ މީހާގެ ހާލަތަށް ކަމަށްވެސް ވިދާޅުވިއެވެ. މިކަމާބެހޭ މައުލޫމާތު އެންސްޕާއިން މި މަސް ނިމުމުގެ ކުރިން އާންމުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އެއްވެސް މީހަކު، އެމީހަކަށް ހައްގުވާ އެއްޗަކުން މަހުރޫމު ނުވުމަކީ ސަރުކާރުގެ އަމާޒުކަމަށް އައްޒާމު ވިދާޅުވިއެވެ.