ކ. މާލެ
|
14 ޖޫން 2023 | ބުދަ 08:14
ބެލެންޑޯ އެވޯޑާއެކު މެސީ
ބެލެންޑޯ އެވޯޑާއެކު މެސީ
ޓްވީޓަރ
ބެލެންޑޯ އެވޯޑު
ބެލެންޑޯ ނުލިބުމަކީ މެސީ އަށް މިހާރު މައްސަލައެއް ނޫން!
އޭނާގެ ފާހަގަ ކުރި ގޮތުގަައި ފުޓުބޯޅައިގައި އިންޑިވިޖުއަލް އިނާމުތަކަކީ އޭނާ އަށް އެހާ މުހިންމު އެއްޗެއް ނޫން

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑޯ އެވޯޑު މިހާރު ނުލިބުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް، ހަތް ފަހަރު ބެލެންޑޯ ކާމިޔާބުކޮށްފައިވާ ލިއޮނަލް މެސީ ބުނެފި އެވެ.

މެސީ މިހެން ބުނީ އާޖެންޓީނާ ޤައުމީ ޓީމާއެކު މިހާރު ޗައިނާގައި ހުރެ، މީޑިއާ އަކަށް ދިން އިންޓަވިޔުއެއްގަ އެވެ. މެސީ ބުނީ އޭނާގެ ކެރިއަރުގައި މިހާ ހިސާބަށް އައިއިރު، ދެން ވެސް ބެލެންޑޯ އެވޯޑު ލިބިއްޖެ ނަމަ އެއީ ރަނގަޅެއް ކަމަށެވެ. ނަމަވެސް، މިހާރު ބެލެންޑޯ އެވޯޑު ނުލިބުމުން ވެސް މައްސަލައެއް ނެތް ކަމަށް މެސީ ވަނީ ބުނެފަ އެވެ. ބެލެންޑޯ އަކީ އޭނާގެ ކެރިއަރުގައި މުހިންމު އެވޯޑެއްތޯ ސުވާލު ކުރުމުން މެސީ ބުނީ، އެއީ އޭނާ އަށް އެހާ މުހިންމު ކަމެއް ނޫން ކަމަށެވެ. އޭނާގެ ފާހަގަ ކުރި ގޮތުގަައި ފުޓުބޯޅައިގައި އިންޑިވިޖުއަލް އިނާމުތަކަކީ އޭނާ އަށް އެހާ މުހިންމު އެއްޗެއް ނޫނެވެ. އިތުރަށް މެސީ ބުނީ، މިވަގުތަށް އެންމެ މުހިންމުވީ ފީފާ ވޯލްޑް ކަޕް ކަމަށާއި، އެކަން ހާސިލްކުރެވުމުން އުފާވާ ކަމަށެވެ.

މީގެ އިތުރުން މެސީ ބުނީ، ކުރިއަށް އޮތް ވޯލްޑް ކަޕްގައި އޭނާ ކުޅޭތަން ފެންނާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އެކަމާ މެދު އޭނާ ގެންގުޅެމުން އަންނަ ވިސްނުމަށް ބަދަލެއް ނާންނަކަން ފާހަގަ ކުރަމުން މެސީ ބުނީ، އެ ވޯލްޑް ކަޕް ބަލާލުމަށް އޭނާ ދާނެ ކަމަށެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އޮންނާނީ ތިން ޤައުމެއްގަ އެވެ. އެއީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ އެވެ. މެސީ ބުނީ އޭނާ އަށް މަދުވީ ވޯލްޑް ކަޕް ކަމަށާއި، އެކަން ހާސިލްވުމުން މިހާރު ވަރަށް ހަމަޖެހިގެން ހުރި ކަަމަށެވެ. އެކަމަށްޓަކައި ޝުކުރުވެރިވާކަން ފާހަގަކޮށް މެސީ ބުނީ، ވޯލްޑް ކަޕަކީ އޭނާ އަށް އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. މެސީ އަކީ ބެލެންޑޯ އެވޯޑު އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާ އެވެ. މިއަހަރުގެ އޮކްޓޫބަރު މަަހު އޮންނަ ބެލެންޑޯ އެވޯޑު ހަފްލާގައި މެސީ އަށް، އަށް ވަނަ ބެލެންޑޯ ލިބޭނެ ކަމަށް ގިނަ ފަރާތްތަކުން ދެކެ އެވެ.

އެ އިންޓަވިޔުގައި މެސީ ވަނީ މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ވާހަކަ ދައްކައިފަ އެވެ. މެސީ ބުނީ ގާޑިއޯލާ އަށް ޔުއެފާ ޗެމްޕިއަންސް ލީގު ހައްގު ކަމަށާއި، އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗު ކަމަށެވެ. ގާޑިއޯލާ ވަނީ މީގެ ކުރިން ބާސެލޯނާގައި މެސީ އަށް އިރުޝާދު ދީފަ އެވެ. އޭގެ ފަހުން ގާޑިއޯލާ އާއި މެސީއާ ދެމެދު އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް