އިންތިޚާބުގެ މަސައްކަތް ކުރަން އިލެކްޝަނުން 5 މުއައްސަސާއަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސޮއިކޮށްފައިވަނީ ފުލުހުންނާއި، ސިވިލް ސަރވިސް ކޮމިޝަނާއި، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އަދި ޕޯސްޓް ލިމިޓެޑާއި އެލްޖީއޭއާއެކުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ މިއީ ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކި ގޮތްގޮތުން އިލެކްޝަންސް ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދީ، އެކީގައި މަސައްކަތް ކުރާނެ ފަރާތްތަކާއެކީ ސޮއިކުރެވުނު ފަހުމުނާމާތަކެއް ކަމަށެވެ. އަދި ސޮއިކުރެވުނު ފަހުމުނާމާތަކާއެކު މަސައްކަތްތައް ވަރަށް ބޮޑު ލުއިކަމަކާއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.
ދިވެހި ފުލުހުންނާއެކީގައި ސޮއިކުރެވުނު ފަހުމުނާމާއެކީގައި އިންތިހާބާއި ގުޅިގެން ކުރެވޭ ދަތުރުފަތުރުގެ ކަންތަކާއި، އިންތިހާބުގެ ސެކިއުރިޓީއާއި ސަލަމާތާއި ބެހޭ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ގުޅިގެން ކުރެވިގެންދާނެއެވެ.
ސިވިލް ސަރވިސް ކޮމިޝަނާއެކީގައި ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ ސިވިލް ސަރވެންޓުން ދޫކުރުމުގައި އަދި ސިވިލް ސިވިލް ސަރވެންޓުންގެ އެއްބާރުލުން ހޯދުމުގައި ފަސޭހަ ނިޒާމެއް ގާއިމް ކުރެވިގެންދާނެއެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއެކު ސޮއިކުރެވުނީ، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ލިސްޓު އެކުލަވާލުމުގައާއި އެހީތެރިކަން ހޯދުމުގައި އެއްބާރުލުން ދިނުމަށެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއެކު ސޮއިކުރެވުނީ ރަށްރަށަށް ފޮނުވާ ވޯޓު ފޮއްޓާއި ވޯޓިންގ ބޫތްތަކާއި ތަކެތި ފޮނުމުގައި އެއްބާރުލުން ހޯދުމަށެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީއަކާއެކު ސޮއިކުރީ ކައުންސިލް މެދުވެރިކޮށް އިންތިހާބުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ފުއާދު ވިދާޅުވީ މިއީ ވަރަށް މުހިންމު ފަސް އިދާރާއެއް ކަމަށެވެ.
އަދިވެސް ދާއިރާތައް ފާހަގަކުރެވި އިލެކްޝަނާއި އެފަރާތްތަކާއި އެކު މަސައްކަތް ކުރުމުގައި ފަސޭހަވެގެންދާނެ. މި ފަހުމުނާމާގެ އަލީގައި ރިޔާސީ އިންތިހާބުގެ މަސައްކަތް އަމާންކަމާއި އޮމާންކަމާއެކު ރއްޔިތުންނށް ވީހާވެސް ފަސޭހަކޮށްކުރިއަށް ގެންދެވޭނެ. އިންސާފުވެރި މިނިވަން އިންތިހާބެއް ރައްޔިތުންނާ ހަމައަސް ގެންދިއުމުގައި އިތުރު ޔަގީންކަމެއް ލިބިގެންދާނެ.އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް
ފުއާދު ވިދާޅުވީ ކޮންމެ ރިޔާސީ އިންތިހާބަކީ ވެސް އެ އިންތިހާބާއި ގުޅިގެން ގައުމު ވަރަށް ބޮޑަށް ހަލަބޮލިވެގެންދާނެ އިންތިހާބެއް ކަމަށެވެ. އަދި އިންތިހާބާއި ގުޅިގެން ގައުމުގައި އުފެދޭ ސިޔާސީ ހަލަބޮލިކަމުން ގޯސް ނަތީޖާއެއް ނުނުކުމެ އަމާންކަމާއެކު ކަންކަން ނިމިގެންދިއުން ބިނާވެފައި އޮންނާނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ.