ކ. މާލެ
|
13 ޖޫން 2023 | އަންގާރަ 13:20
ރަށް ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަވަނީ ޔާމީނު ދަންނަވައިގެންކަމަށްވެސް އަދީބު ވަނީ ޒިޔަތު ގާތުގައި ވިދާޅުވެފައި
ރަށް ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަވަނީ ޔާމީނު ދަންނަވައިގެންކަމަށްވެސް އަދީބު ވަނީ ޒިޔަތު ގާތުގައި ވިދާޅުވެފައި
ރާއްޖެއެމްވީ
ފުއްގިރި ހިޔާނާތުގެ މައްސަލަ
ފުއްގިރި ހިޔާނާތް: އަދީބާއި ޒިޔަތުގެ ވައިބަރ ޗެޓްލޮގްތަކަކާއި ގުޅޭ ރިޕޯޓަކާ ގުޅިގެން ހެކިބަސް ނަގައިފި
މިއީ އަދީބު ގެންގުޅުއްވި 2 ނަންބަރާއި އަބްދުﷲ ޒިޔަތު ގެންގުޅުއްވި ނަންބަރާއި ދެމެދުގައި ހުރި ވައިބަރ މެސެޖުތަކެއް
ރިޕޯޓު ތައްޔާރު ކުރުމަށްފަހު އިތުރު އެގްޒެމިނަރެއް މެދުވެރިކޮށް އެއްވެސް މައްސަލައެއް ރިޕޯޓުގައި ނެތްކަން ކަށަވަރު ކުރެއްވި
އެއީ ލެޕްޓޮޕްގައި ހިމެނޭ ވައިބަރ ޑޭޓާބޭސް އިން ނެގިފައިވާ މެސެޖުތައްކަން ކަށަވަރުކަމާއެކު ވިދާޅުވެވޭނެ

ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ފަރާތްތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި ޑިޖިޓަލް ފޮރެންސިކް އެގްޒެމިނަރ އެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އޮފިސަރެއްގެ ހެކިބަސް ނަންގަވާފައެވެ.

އޭނާ ހާޒިރުކުރީ މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓާއި ގުޅިގެން ހެކިބަސް ނެގުމަށެވެ.

މި މައްސަލައިގައި އޭނާ ވަނީ ތަހުގީގު ކުރާ ފަރާތުން އެދިފައިވާ ލެޕްޓޮޕެއް ތަހުލީލު ކޮށްފައެވެ. އެއީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕެކެވެ.

ތަހުލީލު ކޮށްފައިވަނީ އެ ލެޕްޓޮޕްގެ ހާޑް ޑިސްކުން ޖެނަރޭޓް ކުރެވުނު "އިމޭޖް ފައިލް" އެކެވެ.

އިމޭޖް ފައިލްއަކީ މުޅި ޑިވައިސްގެ ސްޓޯރޭޖްގައި ހިމެނޭ ޑޭޓާތައް އެއް ފައިލެއްގައި ހިމެނޭގޮތަށް ޖެނެރޭޓް ކުރާ ފައިލެއްކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ހެކިވެރިޔާ ވަނީ ހާޑް ޑިސްކަކުުން އިމޭޖް ފައިލެއް "އެކްސްޓްރެކްޓް" ކުރާއިރު، އޭގެ ސައްޙަކަން ކަށަވަރު ކުރުމަށް އެޅުއްވި ފިޔަވަޅުތަކާއި ގުޅޭގޮތުން ޝަރީއަތުގައި ހެކިބަސް ދެއްވާފައެވެ.

ލެޕްޓޮޕް އޭގެ ޒާތުގައި އޮންކޮށްފައި ނުވާނެ ކަމަށާއި، ލެޕްޓޮޕްގެ ހާޑް ޑިސްކް ނަގައިގެން ތަހުލީލު ކޮށްފައިވާކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ރިޕޯޓު ތައްޔާރު ކުރުމަށްފަހު އިތުރު އެގްޒެމިނަރެއް މެދުވެރިކޮށް އެއްވެސް މައްސަލައެއް ރިޕޯޓުގައި ނެތްކަން ކަށަވަރު ކުރެއްވި ކަމަށާއި، އެހެން އޮފިސަރެއް ރިޕޯޓު ޗެކް ކުރައްވާފައިވާކަމަށް އެ ހެކިވެރިޔާ ވިދާޅުވިއެވެ.

ޑިވައިސްއިން ނެގުނު މައުލޫމާތުތަކުގެ ތެރޭގައި އަހުމަދު އަދީބު އޭރު ގެންގުޅުއްވި 2 ނަންބަރާއި ލެޕްޓޮޕްގެ ވައިބަރ ގައި ހިމެނޭ އަބްދުﷲ ޒިޔަތު ގެންގުޅުއްވި ނަންބަރާއި ދެމެދުގައި ހުރި ވައިބަރ މެސެޖުތަކެއް ހިމެނެއެވެ.

އެއީ ލެޕްޓޮޕްގައި ހިމެނޭ ވައިބަރ ޑޭޓާބޭސް އިން ނެގިފައިވާ މެސެޖުތައްކަން ކަށަވަރުކަމާއެކު ވިދާޅުވެވޭނެކަމަށްވެސް ހެކިވެރިޔާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަސް މި މައްސަލައާ ގުޅިގެން ހޯމަ ދުވަހު ވަނީ ނަގާފައެވެ. ޒިޔަތު ވިދާޅުވީ، އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކެވީ ޓޫރިޒަމް މިނިސްޓަރ އަދީބު ކަމަށެވެ.

އެ ރަށް ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަވަނީ ޔާމީނު ދަންނަވައިގެންކަމަށްވެސް އަދީބު ވަނީ ޒިޔަތު ގާތުގައި ވިދާޅުވެފައެވެ.

- ކޮމެންޓް