ކ. މާލެ
|
12 ޖޫން 2023 | ހޯމަ 23:08
ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް
ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް
ރާއްޖެއެމްވީ
ބަންޑާރަ ނައިބުގެ އިތުބާރުނެތްކަމުގެ މައްސަލަ
ބަންޑާރަނައިބުގެ އިތުބާރުނެތްކަމުގެ މައްސަލައަށް ބަހުސްކުރަމުންދަނިކޮށް ޖަލްސާ ނުހުއްޓުވޭނެ ކަމަށް ލަފާދިން: ނިޔާޒު
 
ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްކުރަމުންދަނިކޮށް އެދުވަހުގެ ޖަލްސާގައި ވަނީ އެބަހުސް ހުއްޓާލާފައި

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިޔަށްދަނިކޮށް ޖަލްސާ ނުހުއްޓުވޭނެކަމަށް އަމީން އާންމު ފާތުމަތު ނިއުޝާ އަދި ކައުންސެލަރ ޖެނެރަލް ފާތުމަތު ފިލްޒާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ލަފާދެއްވިކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރ އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ވަނީ މަޖިލީހުގެ އަމީން އާންމު އަދި ކައުންސެލަރ ޖެނެރަލާ ބައްދަލުކޮށްފައެވެ. ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިޔާޒު ވިދާޅުވީ އެދުވަހުގެ ޖަލްސާ ހުއްޓިގެންނުވާނެކަމަށް މަޖިލީހުގެ ރައީސަށް ދަންނަވާފައިވާކަމަށް އެބޭފުޅުން ވިދާޅުވިކަމަށެވެ.

ބަންޑާރަ ނައިބުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި އަމީން އާންމު އަދި ކައުންސެލރަޖެނެރަލް ވަރަށް ސާފުކޮށް ވިދާޅުވީ އެދުވަހުގެ ޖަލްސާ އެގޮތަށް ނުހުއްޓުވޭނެކަމަށް ތިމަންނަމެން މަޖިލީހުގެ ރައީސް އަރިހުގައި ދެންނެވީމޭ . އެހެން ދަނަވްވާފައި އޮއްވައޭ ޖަލްސާ ހުއްޓިގެންދިޔައީ.
އަލީ ނިޔާޒު/ ހުޅުމާލެ ދާއިރާގެ މެމްބަރ

ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްކުރުން މިދިޔަ ހަފްތާގެ ހޯމަ އަދި އަންގާރަ ދުވަހު ކުރިޔަށްގެންދިޔައެވެ. އަންގާރަ ދުވަހުގެ ޖަލްސާގައި ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްކުރަމުންދަނިކޮށް ވަނީ އިމްތިޔާޒާއި ގުޅުންހުރި މައްސަލައެއް ހުށަހަޅާފައެވެ. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުށަހެޅުއްވި، ބަންޑާރަ ނާއިބް އަލްއުސްތާޛް އިބްރާހީމް ރިފްއަތު މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިވަޑައިގަންނަވާފައިވާ ކަމަށް ބުނާ މައްސަލައެވެ. މި މައްސަލަ މެންބަރު އެދިވަޑައިގެންނެވީ ކޮމިޓީން ބެއްލެވުމަށެވެ. ނަމަވެސް މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުވާ އެއަށް ވޯޓު ނެގުމުން މައްސަލަ ވަނީ 48 މެންބަރުންގެ އަގުލަބިއްތަޔުން ބޭރުކޮށްލާފައެވެ.

ނަމަވެސް އިތުރު ސިޓީއެއް އޮތްކަމަށް ބުނެ ރިޔާސަތުން ވަނީ އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ކޮމިޓީއަށް ފޮނުވަން ނިންމާފައެވެ. މިކަމާއި ގުޅިގެން މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ގަވާއިދާއެއްގޮތަށް މަޖިލިސް ކުރިއަށް ގެންދިއުމަށް އެދި ނިޒާމީ ނުކުތާތައް ނަންގަވާފައެވެ.

އިމްތިޔާޒުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އިދިކޮޅު މެންބަރުން ރިޔާސަތަށް ގޮވާލަމުން ދިއުމާއި ގުޅިގެން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ، ބަންޑާރަ ނައިބު މަޖިލީހުގެ އިމްތިޔާޒަކަށް އަރައިވަޑައިނުގަންނަވާ ކަމަށް މަޖިލީހުގެ 48 މެންބަރު ވޯޓު ދެއްވާ ނިންމާފައިވާ ކަމަށާއި، ނިޒާމީ މައްސަލައެއް ނެތްކަމަށް ވިދާޅުވެ ނިޒަމީ މައްސަލައެއް ހުށަހަޅުއްވާފައެވެ. މެންބަރު ވިދާޅުވީ ސާފުކޮށް ސީދާކޮށް އެ މައްސަލަ ނިންމަވާފައިވާ ކަމަށެވެ.

ރިޔާސަތުން އަމަލުރައްވަމުން ގެންދަވާ ގޮތުން، މަޖިލީހުގެ ގަވާއިދާ ހިލާފު ކަންތައްތައް ހުރިކަމަށް ބުނެ މެންބަރުން ވަނީ އަޑުގަދަކޮށްފައެވެ. އަދި މަޖިލީހުގެ ނިޒާމް ގެއްލިފައިވާކަމަށް ބުނެ ރިޔާސަތުން ވަނީ މަޖިލީހުގެ ޖަލްސާ ނިންމާލާފައެވެ. އަދި ހަމަ އެދުވަހު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ފާސްކޮށްފައެވެ. އެމައްސަލަ 54 މެމްބަރުންގެ ސޮޔާއެކު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

އޭގެފަހުން ބަންޑާރަ ނައިބުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އަދި އެޖެންޑާކޮށްފައެއްނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް