އުސޫލުން ބޭރުން އޭރު ރަށްތައް ކުއްޔަށް ދޫކުރުމުގެ ކަންކަން ޔާމީނުގެ އެންގެވުމުގެ މަތިން ކުރިއަށް ދިޔަކަމަށް ކުރީގެ ނައިބްރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
އަދީބު އެހެން ވިދާޅުވީ ހޯމަ ދުވަހު ކުރިއަށްދިޔަ ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުމުގައެވެ.
މި އަޑުއެހުމުގައި އަދީބު ވަނީ 2015 ވަނަ އަހަރުން ފެށިގެން ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ކުއްޔަށް ދޫކުރުމުގެ ކަންކަން ދިޔަ ގޮތާއި ގުޅޭގޮތުން ހެކިބަސް ދެއްވާފައެވެ.
އަދީބު ވިދާޅުވީ، ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން "ވަރުގަދަ ބަޔަކު" ބައްދަލު ކުރާނެކަމަށް ޔާމީނު ގުޅުއްވާފައި ވިދާޅުވި ކަމަށެވެ. "ޑީލް" ހަމަޖައްސައިދިން އިންޑިއާގެ ވިޔަފާރިވެރިންގެ ރާއްޖޭގެ މަންދޫބެއްގެ ގޮތުގައި އުޅުއްވީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)ކަން އަދީބު ފާހަގަ ކުރެއްވިއެވެ.
އޭރު ފައިސާގެ މުއާމަލާތް ކުރިއަށް ގެންދިޔަ ގޮތާއި ގުޅޭގޮތުން ސުވާލު ކުރުމުން، ކްރިކް ރިޒާއާއި ސަން އާއެކު އެ ބައި ކުރިއަށް ގެންދަވާނެކަމަށް ޔާމީނު ވިދާޅުވިކަމަށް އަދީބު ހެކިބަސް ދެއްވަމުން ވިދާޅުވިއެވެ.
ފުއްގިރީގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ތާވަލު ކުރެވުނުއިރު، "އަންނަންޖެހޭ ޕޭމަންޓެއް ނައިސްގެން" އެއްބަސްވުމުގައި ސޮއިކުރުން މަޑުވެސް ޖައްސާލި ކަމަށާއި، އެއީ ޔާމީނުގެ އެދިވަޑައިގަތުމުގެ މަތިންކަމަށް އަދީބު ވިދާޅުވިއެވެ.
"ޔާމީނު ވިދާޅުވި ކްރިކް ރިޒާއަށް ފައިސާ ޖަމާވީމަ ކްރިކް ރިޒާ ކޮންފަމޭޝަން ދޭނެއޭ، އޭރުންނޭ ކުރިއަށްދާނީ" އަދީބު ވިދާޅުވިއެވެ.
އުސޫލުން ބޭރުން އޭރު ރަށްތައް ކުއްޔަށް ދޫކުރުމުގެ ކަންކަން ޔާމީނުގެ އެންގެވުމުގެ މަތިން ކުރިއަށް ދިޔަކަމަށްވެސް އަދީބު ވިދާޅުވިއެވެ.
މި ހެކިބަހާއި ގުޅިގެން އޭނާއަށް ލިބިދޭ އެއްވެސް މަންފާއެއް ނެތްކަމަށްވެސް އަދީބު ވިދާޅުވިއެވެ.