ކ. މާލެ
|
12 ޖޫން 2023 | ހޯމަ 15:53
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލިސް
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންގާރަ ދުވަހަށް އެޖެންޑާކޮށްފި
 
އީވާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ 50 މެންބަރުން ސޮއިކުރައްވައި ހުށަހެޅުއްވި ގަރާރަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް، މިހަފުތާގެ އާދީއްތަ ދުވަހަށް ވަނީ ހަމަވެފައި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އީވާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ 50 މެންބަރުން ސޮއިކުރައްވައި ހުށަހެޅުއްވި އެ ގަރާރަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް، މިހަފުތާގެ އާދީއްތަ ދުވަހަށް ވަނީ ހަމަވެފައެވެ. ނަމަވެސް އެމައްސަލާގައި ބަހުސްކުރުމުގެ ވަގުތު އާންމު ކޮމިޓީން އެކުލަވައިނުވެލި ވާކަމަށް ވިދާޅުވެ، އެމައްސަލަ ފަހުން އެޖެންޑާކުރައްވާނެކަމަށް އަމީން އާންމު ފާތުމަތު ނިއުޝާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގައި ތިއްބެވި 13 މެންބަރުން އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގައި އެއްބަސްވުމަކަށް ނާދެވި، ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ތިން ހަފުތާއެއްހާ ދުވަސް ވަނީ ވެފައެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ނުކުރުމުން އެކަމާ ނުރުހުން ފާޅުކުރައްވައި، އެމްޑީޕީ މެމްބަރުން ވަނީ ހޯމަ ދުވަހުގެ ޖަލްސާގައި އިހުތިޖާޖުކުރައްވާފައެވެ. އެއާއެކު ޖަލްސާވަނީ ނިންމާލާފައެވެ.

އެކަމާ ގުޅިގެން، މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ސޮއިކުރައްވައި މަޖިލީހުގެ މެމްބަރުންނަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ބަހުސްގެ ވަގުތު އާންމު ކޮމިޓީން ކަނޑައަޅާފައި ނުވިނަމަވެސް، އީވާގެ މައްސަލާގައި ދިން 14 ދުވަހުގެ ނޯޓިސް ހަމަވެފައިވާތީ، އެ މައްސަލަ އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރެވޭނެ ކަމަށެވެ. އަދި އަންގާރަ ދުވަހުގެ ޖަލްސާއަށް ވަނީ އެމައްސަލަ އެޖެންޑާކޮށްފައެވެ.

އަނެއްކޮޅުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީ، ރިޔާސަތު ބެލެހެއްޓެވުމަށް އެމަނިކުފާނުވަނީ އުޒުރުވެވަޑައިގެންފައެވެ. މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވަނީ، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށްގެންދާ ޖަލްސާއެއްގެ ރިޔާސަތުގައި އިންނަވާނީ މަޖިލީހުގެ ރައީސް ކަމަށެވެ. އެހެންކަމުން އަންގާރަ ދުވަހުގެ ޖަލްސާ ކުރިޔަށްގެންދާނެ ގޮތެއް އަދި ސާފެއްނޫނެވެ.

ކޮމެންޓް