އާންމު ކޮމިޓީގެ މުގައްރިރާއި ނާއިބު ކަނޑައެޅުމަށް ބައްދަލުވުން ބޭއްވުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕުން އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއަށް، އެމްޑީޕީ ޕީޖީގެ ލީޑަރު މުހައްމަދު އަސްލަމް އާދީއްތަ ދުވަހު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީއެއްކަމުގައިވާ އާންމު ކޮމިޓީގެ މުގައްރިރާއި ނާއިބު މުގައްރިރުގެ މަގާމު ހުސްވެފައިވާތީ، ރަައްޔިތުންގެ މަޖިލީހުގެ 132 ވަނަ މާއްދާގައިވާގޮތަށް އާންމު ކޮމިޓީގެ މުގައްރިރާއި ނާއިބު މުގައްރިރުގެ މަގާމަށް މެންބަރަކު އިންތިހާބުކުރުމަށް ޓަކައި ބާއްވަންޖެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވުމުގެ އިންތިޒާމް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހަމަޖައްސައިދެއްވުމަށެވެ.
އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ ކޮމިޓީތަކަށް ގެންނަ ބަދަލުތައް ފާސްކުރަން ވޯޓަށް އެހުން މަޑުޖައްސާލަން އެދިވަޑަައިގެންފައިވާކަމަށް މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިޔުޝާ ވިދާޅުވުމާއި ގުޅިގެން އަސްލަމް ވިދާޅުވީ އެ ނިންމުން ނިންމެވީ އެމްޑީޕީގެ 64 އިންސައްތަ މެޖޯރިޓީ މަޖިލީހުގައި އޮވެމެ، މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލޭގޮތަށް އޮތުމުން ކަމަށެވެ.
އެހެންނަމަވެސް އެއީ މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާލަން ބޭނުންކުރައްވާ އުޒުރުކަމަށް އަމީންއާންމުގެ ސިޓީފުޅުގައި ފާހަގަކުރައްވާތީ ހިތާމަކުރައްވާކަމަށް އަސްލަމް ވިދާޅުވިއެވެ. 23 މެއި 2023 ވަނަ ދުވަހަށް ފަހު ދިގު މުއްދަތެއް ފާއިތުވެގެން ދިޔައިރު، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ ރައީސް ކޮމިޓީތަށް ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާފައިނުވާކަން ވެސް އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މަސައްކަތްތައް ކޮމިޓީގައި މިވަގުތު ތިއްބެވި މެންބަރުންނާއެކު ކުރިއަށް ގެންދަންޖެހޭނެ ކަމަށް ގަބޫލުކުރައްވާކަމަށެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން ބުނީ ދާއިމީ ކޮމިޓީތައް ހިންގެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 131 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތަށް އަންނަ ބަދަލުތައް މަޖިލީހުން ފާސްކުރައްވައިގެން ކަމަށެވެ. އަދި ކޮމިޓީތަކަށް ބަދަލުނުގެންނަހާ ހިނދަކު ކޮމިޓީތައް ދެމި އޮންނާނެ ކަމަށާއި އެހެންކަމުން އާއްމު ކޮމިޓީގެ ބައްދަލުވުން ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނެތް ކަމަށް ވަނީ ބުނެފައެވެ.