ކ. މާލެ
|
11 ޖޫން 2023 | އާދީއްތަ 08:23
އިންޓަ މިލާންގެ ކޯޗު ސިމޯން އިންޒާގީ
އިންޓަ މިލާންގެ ކޯޗު ސިމޯން އިންޒާގީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ބަލިވި ނަމަވެސް އިންޓަގެ ކުޅުންތެރިންނާމެދު އިންޒާގީ ފަޚުރުވެރިވޭ!
 
އޭނާ ފާހަގަ ކުރި ގޮތުގައި އިންޓަ އިން ކުޅުނީ ވަރަށް ވަރުގަދަ އިދިކޮޅު ޓީމަކާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މެންޗެސްޓަރ ސިޓީ އަތުން ބަލިވި ނަމަވެސް، އިންޓަ މިލާންގެ ކުޅުންތެރިންނާމެދު ފަޚުރުވެރިވާ ކަމަށް އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީ ބުނެފި އެވެ.

ފައިނަލް މެޗަށްފަހު ވާހަކަ ދައްކަމުން އިންޒާގީ ބުނީ، ކުޅިވަރުގައި ބައްޔަކީ އަބަދު ވެސް އެންމެ ގޯސް ކަންތައް ކަމަށެވެ. ނަމަވެސް، މިހާލަތުގައި ވެސް އިންޓަގެ ކުޅުންތެރިންނަށް މަރުޙަބާ ކިޔަން ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އިންޒާގީ ބުނީ، ބައްޔާއެކު އިންޓަގެ ކުޅުންތެެރިން ދެރަވެފައި ތިބި ނަމަވެސް، އެ ކުޅުންތެރިން ފަޚުރުވެރިވާން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ އިންޓަ އަށް އާދެވުނު ހިސާބާ، ހާާސިލް ކުރެވުނު ކަންކަމަކީ އެކަމުގެ ހެއްކެއް ކަމަށެވެ. ސިޓީއާ ދެކޮޅަށް ފައިނަލްގައި އިންޓަ އިން ވަރުގަދަ ކުޅުމެއް ދެއްކި ކަމަށާއި، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި އިންޓަ އަށް ބަލިވުން ހައްގު ނޫން ކަމަށް ވެސް އިންޒާގީ ވަނީ ބުނެފަ އެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އިންޓަ އިން ކުޅުނީ ވަރަށް ވަރުގަދަ އިދިކޮޅު ޓީމަކާ އެވެ. އަދި އެ ޓީމަށް އިންޓަގެ ވަރުގަދަ ކަމާއި، ނުރައްކާތެރިކަން ވެސް ފެންނާނެ ކަމަށް އިންޒާގީ ބުންޏެވެ.

އިތުރަށް އޭނާ ބުނީ މިވަގުތު އެންމެން ވެސް ހިތްހަމަނުޖެހޭނެ ކަމަށާއި، އެއީ ފުޓުބޯޅަ ކަމަށެވެ. ނަމަވެސް އެކަމުން އިތުރު ހިތްވަރެއް ލިބިގެން ކުރިއަށް ދާން ޖެހޭނެ ކަމަށް އޭނާ ފާހަގަ ކުރި އެވެ. އޭނާ ބުނީ ފައިނަލް މެޗުގެ ފަހު 25 މިނެޓުގައި އިންޓަ އަށް ވަރަށް ރަނގަޅު ދެ ފުރުސަތެެއް ވެސް ލިބުނު ކަމަށެވެ. އޭގެ ތެރެއިން އެއް ފުރުސަތުގައި ފޮނުވާލި ބޯޅަ ދަނޑިއަށް އަމާޒުވީއިރު، އަނެއް ބޯޅަ ގޯލް ކީޕަރު ވަނީ މަތަކޮށްފަ އެވެ. ނަމަވެސް އޭނާ ބުނީ އެކަން ނިމިގެން ދިޔައީ ލިޔެވިފައިވާ ގޮތަށް ކަމަށާއި، އިންޓަ އިން މިހިސާބުން ވެސް ފަހަތް ބަލައިގެން ތިބިގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ޓީމެއްގެ ގޮތުގައި ކުރިއަށް ދާން އިންޒާގީ ބޭނުންވެ އެވެ.

އިންޓަ އިން ވަނީ މީގެ ކުރިން 2010 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް