ކ. މާލެ
|
11 ޖޫން 2023 | އާދީއްތަ 00:39
މުބާރާތުގެ އިނާމު ދިނުމުގެ ތެރެއިން
މުބާރާތުގެ އިނާމު ދިނުމުގެ ތެރެއިން
ރައީސް އޮފީސް
ލިނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް
ލިނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް ކާމިޔާބުކަމާއެކު ނިންމާލައިފި
މި މުބާރާތް އިންތިޒާމުކޮށްފައިވަނީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން

ރާއްޖޭގައި މި އަހަރު ބޭއްވި ފަސް ވަނަ އިންޓަނޭޝަނަލް މުބާރާތް، ލިނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

33 ގައުމަކުން 303 ކުޅުންތެރިން ބައިވެރިވި މި މުބާރާތުގެ ފަސް އިވެންޓުގެވެސް ފައިނަލް މެޗު ކުޅެފައިވަނީ ހޮނިހިރު ދުވަހުއެވެ.

މުބާރާތުގެ މިކްސް ޑަބަލްސް އިން ރަން މެޑަލް ހާސިލް ކުރީ މެލޭޝިއާގެ ހޫ ޕަންގް އޮން އަދި ޓިއޯ މީ ޒިންގް ގެ ޕެއާއެވެ. މެލޭޝިއާގެ މި ޕެއާ އިން ރަން މެޑަލް ހޯދީ ފައިނަލުގައި އެމެރިކާގެ ވިންސަން ޗިއު އަދި ޖެނީ ގައިގެ ޕެއާ ސީދާ ދެ ސެޓުން ބަލިކުރުމަށްފަހުއެވެ. މެޗުގެ ސެޓުތައް ނިމުނީ 21-13 އަދި 21-18 އިންނެވެ.

ފިރިހެން ސިންގަލްސްގެ ފައިނަލުގައި ބައްދަލުކުރީ އިންޑިއާގެ ރަވީ އަދި މެލޭޝިއާގެ ސޫންގް ޖޫ ވެން އެވެ. ފޯރި ގަދަ މި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރަން މެޑަލް ހޯދީ ރަވީ އެވެ. މި މެޗުގެ ދެ ސެޓުވެސް ނިމިފައިވަނީ ހަނިގޮތަކަށް ރަވީ ކުރި ހޯދައިގެނެވެ. ފުރަތަމަ ސެޓު 21-19 އިން ނިމުނުއިރު، ދެވަނަ ސެޓު ނިމުނީ 21-18 އިންނެވެ. މި މެޗު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ޞާލިހެވެ.

ހޮނިހިރު ދުވަހު ތިން ވަނައަށް ކުޅުނީ ފިރިހެން ޑަބަލްސްގެ ފައިނަލެވެ. މި މެޗުގައި ބައްދަލުކުރީ ތައިލެންޑުގެ ކައޮސަމާން އާއި ތޮންގްސާގެ ޕެއާ އަދި މެލޭޝިއާގެ ލޯ ހަންގް ޔީ އާއި ޝިއޯންގެ ޕެއާއެވެ. ފުރަތަމަ ސެޓު 21-19 އިން އަދި ދެވަނަ ސެޓު 21-16 އިން ކާމިޔާބުކޮށް، ފިރިހެން ޑަބަލްސް އިން ރަން މެޑަލް ހޯދީ ތައިލެންޑުގެ ޕެއާއެވެ.

އަންހެން ޑަބަލްސް އިން ރަން މެޑަލް ހޯދާފައިވަނީ ތައިލެންޑުގެ ޕެއާ އަކުންނެވެ. ތައިލެންޑުގެ ކަންލަހާ އާއި މުއެންވޮންގްގެ ޕެއާ ވަނީ އިންޑިއާގެ އަޝްވިނީ އަދި ޝިޚާގެ ޕެއާ ކައިރިން ސީދާ ދެ ސެޓުން މޮޅުވެފައެވެ. ފޯރިގަދަ ފުރަތަމަ ސެޓު ނިމުނީ 24-22 އިންނެވެ. އަދި ދެވަނަ ސެޓު ނިމުނީ 21-15 އިންނެވެ.

މި މުބާރާތުގައި އެއް ގައުމަކުން ދެ ކުޅުންތެރިން ބައްދަލުކުރި ހަމައެކަނި ފައިނަލަކީ އަންހެން ސިންގަލްސްގެ ފައިނަލެވެ. އިންޑިއާގެ ޗަލިހާ އަދި ތަސްނިމް މިރް ކުޅުނު މެޗު ވަނީ ތިން ސެޓަށް ގޮސްފައެވެ. ފުރަތަމަ ސެޓު 19-21 އިން ކާމިޔާބުކޮށްފައިވަނީ ތަސްނިމް މިރް އެވެ. ނަމަވެސް ޗަލިހާ ވަނީ ދެވަނަ ސެޓު 21-17 އިން ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. މި މެޗުގެ ފަހު ސެޓު 21-11 އިން ކާމިޔާބުކޮށް ރަން މެޑަލް ހޯދާފައިވަނީ ޗަލިހާއެވެ.

ލިނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް އިންތިޒާމުކޮށްފައިވަނީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުންނެވެ. އެ އެސޯސިއޭޝަނުން ވަނީ ޖުލައި މަހުގައި ޖޫނިއާ ޗެމްޕިއަންޝިޕް ބޭއްވުމަށްވެސް ނިންމާފައެވެ.

- ކޮމެންޓް