މިހާރު ކުރިޔަށްދާ ލިނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖުގެ ފައިނަލް އިވެންޓުތަކުގައި ވާދަކުރާނެ ކުޅުންތެރިން ކަށަވަރުވެއްޖެއެވެ.
ފަސް ފައިނަލްގައި ވާދަކުރާނެ ކުޅުންތެރިން ކަށަވަރުވީ ހުކުރު ދުވަހު ކުރިއަށް ދިޔަ ސެމީ ފައިނަލް މެޗުތަކުންނެވެ. ފިރިހެން ސިންގަލްސްގެ ފައިނަލްގައި ވާދަކުރާނީ އިންޑިއާގެ ރަވީ ރަވީއާއި މެލޭޝިޔާގެ ސޫންގް ޖޫ ވެންއެވެ. މީގެ ތެރެއިން ރަވީ ފައިނަލުން ފުރުސަތު ހޯދީ ސެމީގައި ޖަރުމަނުގެ ކައި ޝޭފާގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. ސޫންގް ޖޫ ވެން ފައިނަލުން ފުރުސަތު ހޯދީ ސެމީ ފައިނަލްގައި އިންޑިއާގެ ކިރަން ޖޯޖް ބަލިކޮށްގެންނެވެ. އެ މެޗު ސޫންގް ޖޫ ވެން ކާމިޔާބުކުރީ ދެ ސެޓު އެއް ސެޓުންނެވެ.
އަންހެން ސިންގަލްސްގެ ފައިނަލްގައި ވާދަކުރާނީ އިންޑިއާގެ ދެ ކުޅުންތެރިންނެވެ. އެއީ އިންޑިއާގެ ތަސްނީމް މީރްއާއި އަޝްމިތާ ޗާލިހާއެވެ. މީގެ ތެރެއިން ތަސްނީމް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި ތުރުކީގެ ނެސްލިހާން ޔިޖިތު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ފައިނަލްގެ ޖާގަ އަޝްމިތާ ހޯދާފައިވަނީ ސެމީ ފައިނަލްގައި އިންޑޮނޭޝިއާގެ އައިސިޔާ ސަތީޔާ ފަތެތާނީ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ.
އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލްގައި ވާދަކުރާނީ އިންޑިއާގެ އަޝްވިނީ ބަޓްއާއި ޝިކާ ގޯތަމްގެ ޕެއަރއާއި ތައިލެންޑްގެ ލަކްސިކާ ކަންލަހާއާއި ޕަތައިމާސް މުއެންވޯންގްގެ ޕެއަރއެވެ. މީގެ ތެރެއިން އިންޑިއާގެ ޕެއަރ ވަނީ ސެމީ ފައިނަލްގައި ތައިލެންޑުގެ ކޮރްޕޮތަމަކިޓްއާއި ސްރިސަވަތުގެ ޕެއަރއާ ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެފައެވެ. އިންޑިއާއާ ދެކޮޅަށް ނިކުންނަ ތައިލެންޑުގެ ޕެއަރއިން ވަނީ ސެމީ ފައިނަލްގައި ފިލިޕީންސް ޕެއަރގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދާފައެވެ.
ފިރިހެން ޑަބަލްސް އިވެންޓުގެ ފައިނަލްގައި މެލޭޝިއާގެ ޔަން ޔީއާއި ޝިއޯންގެ ޕެއަރ ނިކުންނާނީ ތައިލެންޑުގެ ކައޮސަމާންއާއި ތޮންގްސާގެ ޕެއަރއާ ދެކޮޅަށެވެ. މެލޭޝިޔާގެ ޕެއަރ ވަނީ ސެމީ ފައިނަލްގައި ސްރީ ލަންކާގެ ޕެއަރއާ ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެފައެވެ. ތައިލެންޑުގެ ޕެއަރވެސް ވަނީ ސެމީ ފައިނަލްގައި ފިލިޕީންސް ޕެއަރއާ ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެފައެވެ.
ފަހު ފައިނަލް ކަމަށްވާ މިކްސް ޑަބަލްސްގެ ފައިނަލްގައި ވާދަކުރާނީ މެލޭޝިއާގެ ހޫ ޕަންއާއި ތެއޯ މެއިގެ ޕެއަރއާއި، އެމެރިކާގެ ވިންސަން ޝިއޫއާއި ޖެނީ ގާއީގެ ޕެއަރއެވެ.
މުބާރާތުގެ ހުރިހާ ފައިނަލެއް ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ.