ކ. މާލެ
|
6 ޖޫން 2023 | އަންގާރަ 19:35
ނަބާހާ އަދި ޒަޔާންގެ ޕެއާ
ނަބާހާ އަދި ޒަޔާންގެ ޕެއާ
ޔޫތު މިނިސްޓްރީ
މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް
މިކްސް ޑަބަލް ފުރަތަމަ މެޗުން މޮޅުވެ ޒަޔާން އާއި ނަބާހާގެ ޕެއާ ފެށުން ރަނގަޅުކޮށްފި
ޒަޔާން އަދި ނަބާހާގެ ޕެއާ ވަނީ މިކްސް ޑަބަލްގެ ގަދަ 16 ޕެއާގެ ބުރަށް ދަތުރުކޮށްފަ

މިހާރު ކުރިޔަށްދާ ލި-ނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖްގެ މިކްސް ޑަބަލްސްގައި ފުރަތަމަ ކުޅުނު މެޗުން ޒަޔާން އަދި ނަބާހާގެ ޕެއާ މޮޅުވެ، ފެށުން ރަނގަޅުކޮށްފިއެވެ.

މިކްސް ޑަބަލްސްގެ މެޗުތައް އަންގާރަ ދުވަހު ފަށާފައިވާއިރު، ފުރަތަމަ ކުޅެފައިވަނީ ގަދަ 32 ޕެއާގެ ބުރެވެ. މެލޭޝިއާގެ ތަން ކިއެން ވެއި އާއި ތަން ޝެން ތިންގެ ޕެއާއާ ވާދަކޮށް ރާއްޖޭގެ ޒަޔާން އަދި ނަބާހާގެ ޕެއާ މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ޒަޔާން އަދި ނަބާހާގެ ޕެއާ އިން ކާމިޔާބުކުރީ 21-16 ގެނަތީޖާއަކުންނެވެ. ނަމަވެސް ދެވަނަ ސެޓުގައި މެލޭޝިއާގެ ޕެއާ އިން ކުޅުން އިތުރަށް ރަނގަޅުކޮށް، 20-22 އިން ސެޓު ކާމިޔާބުކުރިއެވެ. ދެ ޓީމު އެއްވަރު ވުމުން، ނަތީޖާ ނެރުމަށް ތިން ވަނަ ސެޓެއް ވަނީ ކުޅެފައެވެ. ތިން ވަނަ ސެޓު ފެށުނީއްސުރެ ގިނަ ވަގުތު ކުރީގަ އޮތީ މެލޭޝިއާގެ ޕެއާއެވެ. ސެޓުގައި ފުރަތަމަ 18 ޕޮއިންޓު ހަމަކުރީވެސް އެ ޓީމުންނެވެ. ނަމަވެސް، ޒަޔާން އަދި ނަބާހާގެ ޕެއާ ހިތްވަރު އެލުވާނުލާ ފަހަތުން އަރާ، ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވިއެވެ. ތިން ވަނަ ސެޓު ނިމުނީ 21-19 އިންނެވެ. މި މޮޅާއެކު ޒަޔާން އަދި ނަބާހާގެ ޕެއާ ވަނީ މިކްސް ޑަބަލްގެ ގަދަ 16 ޕެއާގެ ބުރަށް ދަތުރުކޮށްފައެވެ.

މިކްސް ޑަބަލްގެ ބައިގައި ރާއްޖޭގެ މުހައްމަދު އަދީމް އާދަމް އަދި ޝައިބާ މުހައްމަދު ޝަރީފްގެ ޕެއާވެސް ކުޅުނެވެ. ނަމަވެސް މެލޭޝިއާގެ ލިމް ޒޭ ޖިއަން އަދި ހާއޮ ޝަން ސިއޯގެ ޕެއާ އާ ބައްދަލުކޮށް ސީދާ ދެ ސެޓުން ވަނީ ބަލިވެފައެވެ. ދެ ސެޓުވެސް ނިމުނީ 21-7 ގެ ނަތީޖާއަކުންނެވެ.

ޒަޔާން އަދި ނަބާހާގެ ޕެއާ ގަދަ 16 އަށް ދަތުރުކޮށްފައިވާއިރު، މި ޕެއާ އަކީ މި ސަރަހައްދުގައި ފާހަގަކޮށްލެވޭ މަގުބޫލު ޕެއާ އެކެވެ.

- ކޮމެންޓް