ހޯމަ ދުވަހު ރާއްޖޭގައި ފެށި މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖްގައި އިންސާފްކުރާ ރެފްރީން ފިޔަވައި, އޮފިޝަލުންނަކީ މުޅިންވެސް ދިވެހި އޮފިޝަލުންކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފިއެވެ.
އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ ރާއްޖޭގެ ސޯޅަ އަމްޕަޔަރުން މުބާރާތުގައި އޮފިޝަލްކަން ކުރާކަމަށެވެ. މީގެއިތުރުން ރާއްޖޭގެ 30 ލައިން ޖަޖުން މުބާރާތުގެ ޓެކްނިކަލް އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރެއެވެ. އެއީ މުބާރާތުގެ ތެރެއިން ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްކަން މޫސަ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެންމެ ތަޖުރިބާބޮޑު ރެފްރީ އަހުމަދު އަބުދުލްކަރީމް (ޒޯލާ)ބުނީ މިމުބާރާތަކީ ރާއްޖޭގެ ޓެކްނިކަލް އޮފިޝަލުންނަށް ވަރަށްބޮޑު ފުރުޞަތުތަކެއް ލިބިގެންދާ މުބާރާތެއްކަމަށެވެ. ދުނިޔޭގެ ވަރަށް މޮޅު ކުޅުންތެރިން ކުޅޭ މުބާރާތެއްގައި މުޅިން ދިވެހި އަމްޕަޔަރުން މެޗު އޮފިޝަލްކަން ކުރުމަކީވެސް ވަރަށްބޮޑު ފައިދާއެއް އަދި ފުރުޞަތެއްކަން އޭނާ ފާހަގަކުރިއެވެ.
މިއީ ރާއްޖޭގެ އަމްޕަޔަރުންނަށް ލިބޭނެ ވަރަށްބޮޑު ފުރުޞަތެއް ކުރިއަށްދާން. މިމުބާރާތުގައި އެކުދިންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ. ރަނގަޅު ކުރަން ޖެހެނީ ކޮން ކަންތައްތަކެއްކަން އެކުދިންނަށް އެނގިގެންދާނެ. އެހެންވީމަ މިއީ ރާއްޖޭގެ އޮފިޝަލުންނަށް ލިބޭނެ ވަރަށް ބޮޑު ފުރުޞަތެއް.އަހުމަދު އަބުދުލް ކަރީމް/ މުބާރާތުގެ އޮފިޝަލުންގެ ކަންކަން ބަލަހައްޓާ އިސް އަމްޕަޔަރު
މުބާރާތުގައި ދުނިޔޭގެ ރޭންކިންގެ 40 ން މަތީގެ ކުޅުންތެރިންވެސް ވާދަކުރެއެވެ. އިންޑިޔާގެ އެންމެ މޮޅު ކުޅުންތެރިން މުބާރާތުގައި ވާދަކުރެއެވެ. މުބާރާތް ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.