Advertisement
ކ. މާލެ
|
6 ޖޫން 2023 | އަންގާރަ 18:40
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން
ނިޔާޒު، ނަޝީދަށް: އެއްވެސް މީހަކަށް ހަމަލާދޭކަށް ނޫޅެން، ބަލި ކުރާނީ ވޯޓުން
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިޔާޒަށް އިންޒާރު ދެއްވާ ވީޑިއޯއެއް ވަނީ އާއްމުވެފައި
ބަލިވާފަހަރު ބަލި ގަބޫލުކުރަން ޖެހޭނެ ކަމަށް ވިދާޅުވި
ނިޔާޒު ވިދާޅުވީ އަބަދުވެސް ބަލި ކުރާނީ ވޯޓުން ކަމަށް

އެއްވެސް މީހަކަށް ހަމަލާދޭން ނޫޅުއްވާ ކަމަށާއި ބަލި ކުރާނީ ވޯޓުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ނިޔާޒު މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ޓްވީޓު ކުރެއްވި ވީޑިއޯއެއް ހިއްސާ ކުރައްވައެވެ. އެ ވީޑިއޯގައި ފެންނަނީ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ނިޔާޒު އިންނެވި މޭޒު ކައިރިއަށް ވަޑައިގެން އޭނާއަށް އިންޒާރު ދެއްވާ މަންޒަރެވެ.

ވީޑިއޯ ހިއްސާ ކުރައްވައި ރޮޒޭނާ ވިދާޅުވީ މަޖިލިސް ތެރޭގައި މަޖިލީހުގެ ރައީސް މެންބަރުންނަށް އިންޒާރުދީ ބިރުދައްކަމުންދާ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކޮއްދޭންޖެހޭ ފަރާތުން މިއަދު އެތައްމެންބަރުންނަކަށް ބިރުދައްކާ، މަޖިލިސް ނައިބުރައިސްގެ މައްސަލަ އަނބުރާގެންދަން އަންގާ އިންޒާރުދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

މިކަމާ ގުޅިގެން ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަކީ ކުޅިވަރު ކުޅުނު މީހެއް ކަމަށާއި އެއިން ދަސްވީ މޮޅުވުމާއި ބަލިވުން އޮންނަ ކަން، ކަމަށެވެ. އަދި ކޮންމެ ފަހަރަކު މޮޅު ނުވާނެ ކަމަށާއި ބަލިވާފަހަރު ބަލި ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އެއްވެސް މީހަކަށް ހަމަލާދޭން ނޫޅުއްވާކަން ފާހަގަކުރައްވައި ނިޔާޒު ވިދާޅުވީ އަބަދުވެސް ބަލި ކުރާނީ ވޯޓުން ކަމަށެވެ.

މިއަހަރު ކުރީކޮޅު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކާމިޔާބު ކުރެއްވުމުން އެމަނިކުފާނާ ވާދަކުރެއްވި އެ ޕާޓީގެ ރައީސް، މުޙައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން މިހާރު ވަނީ އެމްޑީޕީން ވަކިވެ އައު ޕާޓީއެއްވެސް އުފައްދަން ހުށަހަޅައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް