ބަންޑާރަ ނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅި އަނެއްކާވެސް މަޖިލީސް މެދުކަނޑާލައިފިއެވެ.
އެންމެ ފުރަތަމަ ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރީ ނިމިދިޔަ ހަފްތާ އަށެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ އިތުރުން އިދިކޮޅުގެ ބައެއް މެންބަރުން އަޑުގަދަކުރައްވާތީ ރިޔާސަތުން ނިންމެވީ ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރެއްވުމަށް މަޖިލީސް މެދުކަނޑާލެއްވުމަށެވެ.
މަޖިލީހުގެ ޖަލްސާ އަލުން ފަށާ މައްސަލަ ހުށަހަޅަން ފުރުސަތު ދިނުމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ މައްސަލަ ހުށަހަޅުއްވަން ދެކޮޅު ހައްދަވާފައެވެ.
އޭނާ ވިދާޅުވީ ރިފްޢަތު ކުރިން މަޖިލީހަށް ހާޒިރުވެވަޑައިނުގެންނެވި ސަބަބު ސާފުވާން ޖެހޭ ކަމަށެވެ. އެކަންނުކޮށް މައްސަލަ ހުށަހަޅުއްވަން ބޭނުން ނުވާ ކަމަށެވެ.
ބަންޑާރަ ނާއިބު ރިފްޢަތު އެންމެ ފުރަތަމަ ޖަވާބުދާރީވެވަޑައިގަންނަވާ ނިންމެވީ ލިޔުމުންނެވެ. އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ހުށަހެޅީ ރާއްޖެ އާއި މޮރީޝަސްގެ އިމުގެ މައްސަލައިގައި ބަންޑާރަ ނާއިބު ރާއްޖޭގެ މަސްލަހަތު ގެއްލެ ގޮތަށް ޢަމަލުކުރައްވާފައިވާ ކަމަށް ބުނެއެވެ.
އެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވެވަޑައިގެންފައި ވަނީ އާއްމު ކޮމިޓީން ރިފްޢަތު ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ބައްލައިވައިގެން ޖަވާބުދާރީވެވަޑައިގަންނަވާން ގަޑި ނިންމާފައިވަނިކޮށް ކަމަށް ވާތީ އެއީ އިދާރީ މައްސަލަ އެއް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭރު ވިދާޅުވެފައެވެ.
އެހެންނަމަވެސް ހޯމަ ދުވަހު މަޖިލީހަށް މައްސަލަ ހުށަހެޅުމަށް ހުރަހެއް ނެތް ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވިއެވެ.
ނަޝީދު އެހެން ވިދާޅުވުމުން ޕާޓީ އާއި މަޝްވަރާކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް މެންބަރު އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.
އެއަށް ފަހު މަޖިލީހުގެ ޖަލްސާ ވަނީ އަނެއްކާވެސް މެދުކަނޑާލާފައެވެ.
މީގެ ކުރިން ބުދަ ދުވަހުގެ ޖަލްސާ އަށް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީ މައްސަލަ ކުރިއަށް ގެންދެވުމަށް މެންބަރުން އެދިވަޑައިގަތެވެ. ނަމަވެސް އެކަން އެގޮތަށް ކުރައްވާފައެއް ނުވެއެވެ. އެއީ މަޖިލީހުގައި އާއްމުކޮށް އަމަލުކުރާ އުސޫލު ނޫން ކަމަށް ވެސް މެންބަރުން ވަނީ ވިދާޅުވެފައެވެ.