ކ. މާލެ
|
19 ޖޫން 2023 | ހޯމަ 17:50
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖޭއެސްސީ އިސްލާހުކުރުން
ޖޭއެސްސީ އިސްލާހުކުރުމާގުޅޭ 2 ބިލެއް މަޖިލީހަށް ފޮނުވައިފި
ޖޭއެސްސީގެ މެމްބަރުންގެ އަދަދަކީ 7 ކަމުގައި ކަނޑައެޅުމަށް އިސްލާހުގައިވޭ
ރައީސްގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، ނުހިމެނޭގޮތަށް ވަނީ ހުށަހަޅާފައި
ޖޭއެސްސީ އިސްލާހުކުރުމަކީ ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ވައުދުތަކުގެތެރޭގައި ހިމެނޭ މުހިންމު ވައުދެއް

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ޤާނޫނުއަސާސީއަށާއި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް އެކުލެވޭ 2 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ހޯމަ ދުވަހު ފޮނުއްވާފައިވާކަމަށް އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

އޭޖީ ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރައްވައި ވިދާޅުވީ ޖޭއެސްސީ އިސްލާހުކުރުމަށްޓަކައި މަޖިލީހަށް ހުށަހަޅުއްވާ މައިގަނޑު ބަދަލަކީ ޖޭއެސްސީގެ މެންބަރުންގެ ޢަދަދަކީ 7 ކަމުގައި ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ކަނޑައެޅުން ކަމަށެވެ.

މިގޮތަށް ހުށަހެޅީ ޝަރުޢީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުޢީ ދާއިރާއާއި އެނޫންވެސް ފަރާތްތަކާއި ޤާނޫނީ ފަންނުގެ ދާއިރާއާއި މަދަނީ ޖަމްޢިއްޔާތަކާއި ޢާންމުންގެ ޚިޔާލާއި މަަޝްވަރާގެ އަލީގައި ކަމަށް ރިފްއަތު ވިދާޅުވިއެވެ.

ރިފްއަތު ވިދާޅުވީ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ އިޖުތިމާޢީ ޢަދުލުވެރިކަމުގެ ދާއިރާއިން މިއަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދު ކަމަށެވެ. މި މަސައްކަތް 2019 ވަނަ އަހަރު ވަނީ ފަށާފައި ކަމަށާއި، މިހާތަނަށް ކަމާގުޅޭ 9 ބިލެއް މަޖިލީހަށް ހުށަހަޅާފައިވާކަން އެޖީ ފާހަގަކުރެއްވިއެވެ. އަދި ހޯމަ ދުވަހު ހުށަހެޅުއްވި 2 ބިލާއެކު އިސްލާހީ މަސައްކަތް ފުރިހަމަކުރެވިފައިވާކަމަށް އޭޖީ ވިދާޅުވިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާގޮތް މުރާޖައާކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވައުދެވެ.

- ކޮމެންޓް