ވައިގެ މަގުން މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނުބިތަށް އިތުރުކުރެވޭ އެއާޕޯޓު އަޅާނީ އެއަތޮޅު ބެރިޔަންފަރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިއުލާންކުރައްވައިފިއެވެ.
ރ. އަތޮޅު ދެކުނުބިތަށް އިތުރުކުރެވޭ އެއާޕޯޓު އަޅާނީ އެއަތޮޅު ބެރިޔަންފަރުގައި ކަމަށް ރައީސް އިއުލާން ކުރެއްވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް އައްޑޫ ސިޓީ ގަމުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް ވިދާޅުވީ މުޅިރާއްޖޭގައި އެކީ އެއްފަހަރާ ހިންގަންޖެހޭ މަޝްރޫޢުތަށް ނުހިންގާ ފަރަކުނުޖެހޭނެ ކަމަށެވެ. އެފަދަ ހުރިހާ މަޝްރޫޢުއެއް ސަރުކާރުން މިދަނީ ހިންގަމުން ކަމަށާއި، އެއްގަމާ ކަނޑާ ވައިގެ ވިއުގަ އަކުން މުޅިރާއްޖެ ގަތާލެވިގެން މެނުވީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ ކަމަށެވެ. ވައިގެ މަގުން ރާއްޖެ ގުޅާލުމުގެ މަސައްކަތް މުޅި ރާއްޖޭގައި އެދަނީ ކުރިއަށް ކަމަށާއި، މިމަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނުބިތަށް އިތުރުކުރެވޭ އެއާޕޯޓު އަޅާނީ އެއަތޮޅު ބެރިޔަންފަރުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު އަޅުގަނޑުމެން ކުރަމުން މިގެންދާ ކޮންމެ ކަމަކީ, ދެމެހެއްޓެނިވިގޮތަށް މިދިވެހިރާއްޖެ ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކެއް. މިރާއްޖެއަށް އަންނާން އޮތް ޖީލުތަކަށް އެކަށޭނެ އުފާ ފާގަތި ދިރިއުޅުމެއް ލިއްބައިދިނުމަށް ކުރާ މަސައްކަތްތަކެއްރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް
ރައީސް ވިދާޅުވީ ހިފަހައްޓަންޖެހޭ ތަނެއްގައި ނޭވާ ހިފަހައްޓާފާނަމަވެސް މިވަގުތު މިމަސައްކަތްތައް މުޅި ރާއްޖޭގައި ކުރުމުން އޭގެ މަންފާ އަންނާން އޮތް ޖީލުތަކަށް ފޯރާނެ ކަމަށެވެ. ހަމަހަމަ ހައްޤުތަކާއި މިން ހަމަ އުފާވެރި ދިރިއުޅުން ކޮންމެ ދިވެހި ރައްޔިތަކަށް މާދަމާ ލިބޭނީ މިއަދު މިކުރާ މަސައްކަތް މިގޮތަށް ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.