ބޭނުންކޮށްފައި ހުންނަ ތަކެތި އަލުން ބޭނުން ކުރާ މިންވަރު އިތުރުކުރުމަށް ނ. އަތޮޅުގައި "އަލުންބަލުން ރީސޭލް މާކެޓް" ގެ ނަމުގައި މާކެޓެއް ބާއްވައިފިއެވެ.
މިއީ ސޮނޭވާ ނަމޫނާ އާއި ނ. އަތޮޅުގެ 6 ރަށެއްގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ގުޅިގެން މިދިޔަ ހުކުރު ދުވަހު ބޭއްވި ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މަގޫދޫ، ޅޮހި، ކުޑަފަރި، މާފަރު ލަންދޫ އަދި ހޮޅުދޫގައި އެއްފަހަރާއެވެ. މިއީ ނ. އަތޮޅުގައި ފުރުތަމަ ފަހަރަށް ބޭއްވުނު އަލުން ބަލުން މާކެޓެވެ.
އަލުން ބަލުން ރީސޭލް މާކެޓަކީ ސޮނޭވާ ނަމޫނާއާއި ބ. އަތޮޅުގެ 7 ރަށެއްގެ ބައިވެރިވުމާއެކު އޮކްޓޯބަރު 2022 ގައި ތައާރަފު ކުރިމާކެޓެކެވެ. މި މާކެޓަކީ ބ. އަތޮޅުން ހޯދި ރަނގަޅު ނަތީޖާތައް ނަކަލުކޮށް، ތިމާވެއްޓާ ރައްޓެހި އާދަތައް އަށަގެނުވުމާއެކު މުދާ އަލުން ބޭނުންކުރުމުގެ ސަގާފަތެއް އުފެއްދުމަށް ހިންގޭ މާކެޓެއް ކަމަށް ސޮނޭވާ ނަމޫނާއިން ބުނެފައިވެއެވެ.
މި މަސައްކަތުގެ ދަށުން،އުކާލަން ހަމަޖެހިފައިވާ ތަކެތީގެ ތެރެއިން އަލުން ބޭނުންކުރެވޭ ޒާތުގެ މުދާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ހޯދައި،އެތަކެތި ސާފުކުރަން ޖެހިއްޖެ ނަމަ ސާފުކޮށް މަރާމާތުކޮށް، އެ ޕްރޮގްރާމްގައި ބައިވެރިވާ އަވަށްޓެރި ރަށްރަށަށް ވިއްކަން ފޮނުވައެވެ. އެއް ރަށެއްގައި އެއްކުރެވޭ ތަކެތި އެހެން ރަށަކަށް ވިއްކުމަށް ފޮނުވުމުން ކުދި ކުދި ރަށްތަކުގައި ކުރިން ބޭނުންކުރެވިފައިވާ ތަކެތި ވިއްކުމަށް ހުންނަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަަމަށް ސޮނޭވާ ނަމޫނާއިން ބުނެފައިވެއެވެ.
އަލުން ބަލުން މާކެޓުން މިހާތަނަށް 20,000 ރުފިޔާގެ ސާފު ފައިދާ ލިބިފައިވާއިރު 500 އައިޓަމް އަލުން ބޭނުންކޮށް ކުނީގެ ގޮތުގައި އުކާލުމުން ސަލާމަތް ކޮށްފައިވާ ކަމަށް ވެސް ސޮނޭވާ ނަމޫނާއިން ބުންޏެވެ.
މި މާކެޓުގައި ބައިވެރިވާ ރަށްތަކަށް އެތަކެއް ފައިދާތަކެއް ވެސް ލިބިގެންދާނެއެވެ. އެގޮތުން،އަލުން ތަކެތި ބޭނުންކުރުމުގެ ސަބަބުން ރަށްރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކަށް އުކާލަން ނުވަތަ އަންދާލަން ގެންދާ ކުނީގެ އަދަދު މަދު ވެގެންދިއުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ބޭނުންވާ އެކި ލީޑަޝިޕް ހުނަރުތައް ލިބި ބާރުވެރިވާނެއެވެ.
ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ އަލުންބަލުން ރީސޭލް މާކެޓަކީ ދެމެހެއްޓެނެވި ގޮތެއްގައި ބޭއްވިގެންދާ އިވެންޓަކަށް ހެދުމަށް ސޮނޭވާ ނަމޫނާ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އުންމީދަކީ މި އިވެންޓް ކައުންސިލް މެންބަރުންނާއި ކޮމިޓީގެ މެންބަރުން ބަދަލުވިޔަސް ކުރިއަށް ދިޔުން ކަމަށާއި މި ޕްރޮގްރާމާއެކު ކުނި މެނޭޖްކުރުމަށް ދާއިމީ ކުރިއެރުމެއް ލިބި ވަށާޖެހޭ އިގްތިސާދެއް ބިނާ ކުރުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.