Advertisement
ކ. މާލެ
|
24 މެއި 2022 | އަންގާރަ 14:41
ރައީސް ނަޝީދު ރާޖަޕަކްސައާއެކު
ރައީސް ނަޝީދު ރާޖަޕަކްސައާއެކު
ރައީސް އޮފީސް
ލަންކާގެ ކުރީގެ ބޮޑުވަޒީރު
ލަންކާގެ ކުރީގެ ބޮޑު ވަޒީރު ސޮނެވާފުށިން ވިލާއެއް ބައްލަވައިގަންނަން އުޅުއްވާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި
12 މިލިއަން ޑޮލަރަށް ޕްރައިވެޓް ވިލާއެއް ވިއްކަން އެއްބަސްވެފައިވާ ކަމަށްވެސް އެނޫހުގައި ރިޕޯޓުކޮށްފައިވޭ
އެއްވެސް ވާހަކައެއް ދެކެވިފައި ނުވާކަމަށް ސޮނެވާފުށިން ބުނޭ
ރައްޔިތުންގެ މަޖިލީހުންވެސް ވަނީ، މިކަމުގައި ރައީސް ނަޝީދު އެހީތެރިވެވަޑައިގަންނަވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައި

ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، ސޮނެވާފުށި ރިސޯޓުގެ ވިލާއެއް ބައްލަވައިގަތުމަށް ހުށަހަޅުއްވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެކުންފުނިން ދޮގުކޮށްފިއެވެ.

މަހިންދަ ރާޖަޕަކްސަގެ އާއިލާއިން ސޮނެވާފުށިން ވިލާއެއް ގަންނަން އުޅޭކަން ކަށަވަރުވެފައިވާކަމަށް ރާއްޖޭގެ އޮންލައިން ނޫހެއްގައިވަނީ ރިޕޯޓުކޮށްފައެވެ. އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން ސޮނެވާފުށިން ވިލާއެއް ގަތުމަށް އެއާއިލާއަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ސޮނެވާފުށީގެ ސީއީއޯ ސޯނޫ ޝިވްދަސާނީ ވަނީ 12 މިލިއަން ޑޮލަރަށް ޕްރައިވެޓް ވިލާއެއް ވިއްކަން އެއްބަސްވެފައިވާ ކަމަށްވެސް މި ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް މިކަން ދޮގުކޮށް ސޮނެވާފުށިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ސޮނެވާފުށިންގެ ވިލާއެއް ވިއްކުމަށް އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ. އަދި ސޮނެވާފުށީގެ ސީއީއޯ ސޯނޫ ޝިވްދަސާނީއާއެކު ސީދާ އަދި ނުސީދާ އެއްވެސް ވާހަކައެއްވެސް ދެކެވިފައި ނުވާކަމަށެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ރައީސް ނަޝީދު އެކަމުގައި އެހީތެރިވެވަޑައިގަންނަވާކަމަށް ލިޔެފައިވާ ވާހަކަތައް ދޮގުކޮށްފައެވެ. މަޖިލީހުން ބުނީ، ރައީސް ނަޝީދުގެ ދައުރަކީ ހަމައެކަނި ލަންކާއަށް ބޭރުގެ މާލީ އެހީ ހޯއްދެވުމަށް އެހީތެރިވުމަށް ކުރައްވާ މަސައްކަތް ކަމަށާއި، އެ ޤައުމުގެ ދާޚިލީ މައްސަލަތައް ހައްލު ކުރާނީ އެ ޤައުމުގެ ރައްޔިތުން ކަމަށެވެ.

ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤުތިސާދީ ކާރިސާއާ ގުޅިގެން އެޤައުމަށް ބޭރުގެ އެހީ ހޯދައިދިނުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވުމުގެ މަސްއޫލިއްޔަތު ރައީސް ނަޝީދާ ހަވާލުކުރައްވާފައިވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ އެވެ.

ރައީސް ނަޝީދުވަނީ ސްރިލާންކާގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ، ސްރީލަންކާގެ ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާވެސް ބައްދަލުކުރައްވާފައެވެ. ސިރިސޭނާއާ ބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލަންކާއަށް މިހާރު ދިމާވެފައިވާ ދަތި އުނދަގޫ ދުވަސްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. މީގެއިތުރުން ލަންކާގެ ކުރިމަގު އުޖާލާކުރުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކަކުންވެސް އެއް ތަސައްވުރެއް ގެންގުޅުމުގެ މުހިންމުކަމުގެ މައްޗަށް މަޝްވަރާކުރެއްވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް