Advertisement
ކ. މާލެ
|
2 ޖޫން 2023 | ހުކުރު 13:07
ވާރޭވެހުމުގެ ސަބަބުން މަގުމަތީގައި ފެންބޮޑުވުން
ވާރޭވެހުމުގެ ސަބަބުން މަގުމަތީގައި ފެންބޮޑުވުން
ރާއްޖެއެމްވީ
މާލޭގައި ފެންބޮޑުވުމުގެ މައްސަލަ
މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ފެންހިންދުމުގެ ނިޒާމަށް ބައެއް އިތުރު ކުރަނީ
އާއްމުންގެ ޚިޔާލު ހޯދުމަށް ސާވޭއެއް ވަނީ ފަށާފައި
މި މަސައްކަތް ކުރުމަށް 3-4 މަސް ދުވަސް ހޭދަވާނެ ކަމަށް ވަނީ ލަފާ ކޮށްފައި

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން މިހާރު އަޅާފައިވާ ފެންހިންދާ ނިޒާމަށް ބައެއް އިތުރު ކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމައިފިއެވެ.

އެ މިނިސްޓްރީން ވަނީ މި މަޝްރޫއު ފެށުމުގެ ގޮތުން އާއްމުންގެ ޚިޔާލު ހޯދުމަށް ސާވޭއެއް ވެސް ފަށައިފައެވެ. ބުދަ ދުވަހު ފެށި މި ސާވޭ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއަކީ ވިއްސާރަވުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މިހާރުއެޅިފައިވާ ފެންހިންދުމުގެ ނިޒާމަށް ބައެއް އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެގޮތުން މިމަޝްރޫއު ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވަނީ ފެންބޮޑުވާ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި ހެދޭ ފެން މޫދަށް ބޭރުކުރުމަށް ހޮޅިތަކެއް އަޅައިގެން ކަމަށާއި މި މަޝްރޫއުގެ ދަށުން އަޅާ ހޮޅިއަކީ މިހާރު މާލޭ މަގުހެދުމުގެ ޕްރޮޖެކްޓްގައި ބޭނުންކުރެވޭ ހޮޅިއަށްވުރެ ފަލަ ހޮޅިތަކެއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

Advertisement

އެ މިނިސްޓްރީން އާއްމުކޮށްފައިވާ ކުރެހުންތަކުން ދައްކާ ގޮތުގައި ހަ ސަރަހައްދެއްގައި މި ހޮޅިތައް އަޅާނެއެވެ. އެއީ ކާނިވާ ސަރަހައްދާއި ރާޅުގަނޑު ސަރަހައްދާއި ދަރުމަވަންތަ ހޮސްޕިޓަލު ކުރިމަތިން ބޭރު މަގުގަ އާއި ރަސްފަންނު އަދި މަޖީދީމަގުގައި ސޯޝަލް ސެންޓަރު ކައިރިން ފެށިގެން ބޭރު މަގުން ވެސްޓް ޕާކާ ދެމެދުގައި އޮންނަ ސަރަހައްދެވެ.

މި ހޮޅިތައް އެޅުމަށް 3 ނުވަތަ 4 މަސްދުވަހުގެ މުއްދަތަކަށް މަގު ކޮނެގެން މަސައްކަތްކުރިއަށްދާނެ ކަން ފާހަގަކޮށް ޕްލޭނިން މިނިސްޓްރީން ބުނީ މި މުއްދަތުގެ ތެރޭގައި އެ ސަރަހައްދުތަކުން ދަތުރުކުރާ ފަރާތްތަކަށާއި، ހިނގާބިނގާ އުޅެ ފަރާތްތަކަށާއި ދިރިއުޅޭ ފަރާތްތަކަށް ދަތިތަކެއްކުރިމަތިވާނެކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ ސާވޭއަކީ މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމައަށް އަސަރު ފޯރާނޭ މިންވަރު ބެލުމުގެ ގޮތުން، ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ރިސޯސް ގްރޫޕް (ލަމަޔަރ) އިން ތައްޔާރުކުރާ ރިޕޯޓުގެ ބައެއް ކަމަށެވެ.

މި މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވާކަން ހާމަކުރި ނަމަވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް އަދި ޕްލޭނިންގ މިނިސްޓްރީން އިއުލާންކޮށްފައި ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް