ކ. މާލެ
|
2 ޖޫން 2023 | ހުކުރު 12:37
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޕޮލިސް މީޑިޔާ
ހަށިވިއްކި ބަޔަކު ހައްޔަރުކުރުން
ހަށިވިއްކި މީހުން: އެކަކު ދޫކޮށް ދެން ތިބި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
އެކަކު ދޫކޮށްފައިވަނީ އޭނާއާ ދެކޮޅަށް އިތުރު ހެކި ލިބިފައި ނެތުމުން

ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ މައްސަލައެއްގައި ހައްޔަރު ކުރި 13 މީހުންގެ ތެރެއިން އެކަކު ދޫކޮށް ދެން ތިބި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހައްޔަރުކުރިއެވެ. އެއީ ބަންގްލަދޭޝް 8 ފިރިހެނުންނާއި ބަންގްލަދޭޝް އަންހެނެއް އަދި ތައިލެންޑް 4 އަންހެނުންނެވެ. މި އޮޕަރޭޝަނަކީ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.  

އެ މީހުންގެ ބަންދު އިތުރުކޮށްދިނުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އުމުރުން 35 އަހަރުގެ ބަންގަލަދޭޝް ފިރިހެން މީހާ ވަނީ ކޯޓުން ދޫކޮށްލާފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އޭނާއާ ދެކޮޅަށް އިތުރު ހެކި ލިބިފައި ނެތުމެވެ. އަދި އޭނާއާ ކުށާ ގުޅުވައިދޭ އިތުރު ހެއްކެއް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް ވެސް އޭނާ ދޫކޮށްލަން އަމުރުކުރި ކޯޓު އަމުރުގައިވެއެވެ.

ޝަރުތުކުރުމަށްފަހު ދޫކޮށްލި އެ ފިރިހެން މީހާ އަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން ރާއްޖޭގައި ވިޔަފާރި ކުރަމުން އަންނަ މީހެއް ކަމަށް ވެސް އެ ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އެ މީހުންގެ ތެރެއިން ބަންގަލަދޭޝްއަށް ނިސަބަތްވާ ހަ ފިރިހެނުންގެ ބަންދަށް ވަނީ 30 ދުވަސް އިތުރުކޮށްފައެވެ. އެ ގައުމުގެ އަންހެން މީހާގެ ބަންދަށް 10 ދުވަސް އިތުރުކުރިއިރު ތައިލޭންޑް ދެ އަންހެނުންގެ ބަންދަށް ވަނީ 30 ދުވަސް އިތުރުކޮށް އެ ގައުމުގެ ދެ އަންހެނުންގެ ބަންދަށް 15 ދުވަސް އިތުރު ކޮށްފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި ހަށިވިއްކުމުގެ ވިޔަފާރީ ކުރަމުންދިޔައީ ގެސްޓްހައުސެއްގެ ނަމުގައި ހިންގާ ތަނެއްގެ ތެރޭގައެވެ. ހަށިވިއްކާ ކަމުގެ ތުހުމަތުގައި އަތުލައިގަތް އެ މީހުންގެ ތެރެއިން އެކި މީހުންނާ އެކި ޓާސްކްތައް ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން އެއް ބަޔަކު ގެސްޓްހައުސް ހިންގާއިރު އަނެއް ބަޔަކު ސޯޝަލް މީޑިއާފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހަށިވިއްކުން އިސްތިހާރު ކޮށް މީހުން ހޯދާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. ހަށިވިއްކާ އަންހެނުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި ވެސް ބައެއް މީހުން ހަރަކާތްތެރިވާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް