އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލުގެ މަސައްކަތް ކުރިއަށް ނުދާތީ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މި ދެ ބިލު ވެސް ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓެގްކުރައްވާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް އިގްތިސާދަށް ވަރައް މުހިއްމު ދެ ބިލެއް ކަމަށެވެ. މި އެޖެންޑާކޮށް ބަހުސްކޮށް ފާސްކުރުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޤަރާރުތަކެކޭ އެއްފަދައިން މުހިއްމު ކަމެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ. މިއީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާ ނުވުމުގެ ހައްގު ކުރިއަރުވައި، ކަށަވަރު ކޮށްދިނުމަށް ހުށަހަޅާފައިވާ ބިލެކެވެ.
ބިލުގައި ބުނެފައި ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ގާނޫނު ވުޖޫދުވުމާއެކު މަސައްކަތްތެރިންނާ ވަޒީފާދޭ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް މަޝްވަރާގެ އުސޫލުން ހައްލު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމްވާނެ ކަމަށެވެ. އަދި މަސައްކަތްތެރިންނަށް ގާނޫނުން ލިބިދޭ ހައްގުތައް ހިފެހެއްޓޭ ހާލަތުގައި އެފަދަ އަމަލުތަކަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ވެސް އެކަށައެޅިފައިވާ ކަމަށް ވެސް އެ ބިލްގައިވެއެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ނިމުނު އިރު މި ބިލުގެ އިބްތިދާއީ ބަހުސް ވަނީ ފަށާފައެވެ.
"އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ބިލް" ނުވަތަ "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ބެހޭ" ބިލަކީ މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ނުރައްކާތާކައި ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދޭން ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމާ ގުޅޭ ބިލެކެވެ.