އޯ-ލެވެލް އިން ފާސްވާ ކުދިންގެ އަދަދު މިހާރު ދަށްކަމަށް ދައްކަނީ ކުރިން ދަށް ނަތީޖާ ލިބޭ ކުދިން ބާކީކޮށްލުމަށްފަހު އޯފް-ރޯލްކޮށްގެން ނުވަތަ ދަށް ނަތީޖާ ލިބޭ ދަރިވަރުން އެ މާއްދާތައް ދޫކޮށްލުމަށް ފަހު މާއްދާތަކުން ލިބޭ ނަތީޖާގެ ތަފާސްހިސާބު އެކުލަވާލާތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަނީ އެޑިއުކޭޝަން މިނިސްޓަރާއި ސުވާލުކުރައްވަން ލިބިވަޑައިގަތް ފުރުސަތުގައި ނިމިދިޔަ އަހަރުގެ އޯލެވެލް އިން 50 އިންސައްތަ ދަރިވަރުން ފާސް ނުވާ ކަމަށް ރިޕޯޓްތައް ބުނާ ކަމަށާއި އެއީ މިނިސްޓަރު ކަންބޮޑުވެވަޑައިގަންނަވަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ނަތީޖާ އެގޮތަށް ފެންނަނީ ތަފާސްހިސާބު އެކުލަވާލުމުގައި ގެނައި ބަދަލެއްގެ ސަބަބުން ކަމަށެވެ. އެގޮތުން 2019 ގެ ކުރިން ތަފާސްހިސާބުތައް އެކުލާވާލާއިރު ބަލަމުން އައީ 5 މާއްދާ އިން ފާސްވާ ކުދިންގެ އަދަދު ބަލާ ދަސްވާރަކީ 3 މާއްދާ ކަމަށާއި ބީޓެކް އެއީ 4 މާއްދާ ގޮތުގައި ކަމަށެވެ. އެހެންކަމުން ތަފާސްހިސާބުން ފެންނަނީ ފާސްވާ ކުދިންގެ އަސްލު އަދަދު ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފާސްނުވާނެހެން ހީވާ ކުދިން ބާކީކޮށްފައި ފާސްވާނެ ކުދިން ހިމަނައިގެން ފާސްވާ ކުދިންގެ އިންސައްތަ އެކުލަވާލަމުން ދިޔަ ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެކަން ބަދަލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ކުދިންގެ ހާލަތުގެ އަސްލު މަންޒަރު ނުފެނި އެކަމަށް ފަރުވާއެއް ނުލިބޭނެ ކަމަށް ސަރުކާރަށް ޤަބޫލުކުރެވޭ ކަަމަށާއި ހުރިހާ ކުދިން 5 މާއްދާ ހަދަން ޖެހޭނެ ކަމަަށް ސަރުކާރުން ނިންމާފައި ވަނީ އެ ސަބަބާއި ހުރެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 5 މާއްދާ ކިޔެވުން މަޖުބޫރު ކުރުމުގެ އިތުރުން، އެއްވެސް މާއްދާއެއް ނުކިޔަވާ ދޫކޮށްލަން ފުރުސަތު ދެނީ ސީދާ މިނިސްޓަރު ބެއްލެވުމަށް ފަހު ވަކި ޚާއްސަ ހާލަތުތަކެއްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން އައު ތަފާސްހިސާބުތަކުން ކުރިއަރުވަން ޖެހޭ މާއްދާތައް ދެނެގަނެވުނު ކަމަށާއި އޭގެ ތެރޭގައި ހިސާބާއި އިނގިރޭސި ހިމެނޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެ ކަމަށް ބާރު ދިނުމަށް ލިޓްރަސީ ޕްރޮގްރާމްތަކެއް ހިންގަން ފެށި ކަމަށާއި އެކަމުގެ ތެރެއިން އޯލެވެލް އަށް ޚާއްސަކޮށް ވެސް މަސައްކަތްތަކެއް ކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމްތަކަށް ފަހު އިނގިރޭސިން ފާސްވާ ކުދިންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަަމަށެވެ. އަދި ހިސާބާއި، ދިވެހިން ފާސްވާ ކުދިންނާއި މަޖުބޫރު މާއްދާތަކުން ކުދިން ފާސްވާ މިންވަރު ވެސް އިތުރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.