ކ. މާލެ
|
30 މެއި 2023 | އަންގާރަ 07:31
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު
ރައީސް އޮފީސް
ފަނޑިޔާރުންގެ ޖަމިއްޔާ
ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސަކަށް ފަނޑިޔާރު ހުސްނުއްސުއޫދު
ފަނޑިޔާރު ހުސްނުއްސުއޫދު އިންތިޚާބުވެވަޑައިގަތީ ވާދަކުރައްވާނެ އިތުރު ބޭފުޅަކު ކުރިމަތިނުލައްވާތީ

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިންތިޚާބުވެއްޖެއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު މިހާރުވެސް ހުންނެވީ އެ ޖަމިއްޔާގެ ރައީސްގެ މަގާމުގައެވެ. ނަމަވެސް އެ މަގާމުގައި ހުންނެވީ މިދިޔަ އަހަރު މަގާމު ހުސްވުމުން ޖަމިއްޔާގެ ހިންގާ ކޮމިޓީގެ ނިންމުމުގެ ސަބަބުންނެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރު ހުސްނުއްސުއޫސު އެ ޖަމިއްޔާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވަނީ އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީއެވެ. ރައީސްގެ މަގާމުގެ އިތުރުން ފަނޑިޔާރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ހުޅުވާލި ފުރުސަތުގައި ހުރިހާ މަގާމަކަށްވެސް ކުރިމަތިލައްވާފައިވަނީ ބޭނުންވާ އަދަދަށެވެ.

އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ވާދަކުރައްވާ އިތުރު ބޭފުޅަކު ނެތުމުން ޖަމިއްޔާގެ ނައިބު ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވީ ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓު، އަދި ދާއިރާ އިސް މެޖިސްޓްރޭޓް މުހައްމަދު ސާދިގް އިންތިހާބުވެވަޑައިގެންނެވިއިރު އިންތިޒާމް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ށ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ހަސަން ޝިޔާމު، ހަޒާންދާރުގެ މަގާމަށް ސިވިލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު، ހަޒާންދާރުގެ އެހީތެރިއަކަށް ގއ. ވިލިނހިލި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޒީމް ހަސަން، އަދި ތަރުޖަމާނަށް އިންތިހާބުވެވަޑައިގެންނެވީ ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދެވެ.

މީގެ އިތުރުން އިތުރު މެންބަރުންގެ ގޮތުގައި ފެމިލީ ކޯޓުގެ ގާޒީން ކަމަށްވާ، ޒައީމާ ނަޝީދު އަބޫބަކުރު އާއި މައީޝާ ޔޫސުފް ސަމީރު އަދި ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ޝަރީފު އާއި ތ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް އިސްމާއިލް ނިޔާޒު ވަނީ އިންތިޚާބުވެވަޑައިގެންފައެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ބުނީ 10 ޖޫންގައި އިންތިޚާބު ބާއްވަން ކުރިން ތާވަލު ކުރި ނަމަވެސް ވާދަކުރުމަކާ ނުލައި މަގާމުތަކަށް ބޭފުޅުން އިންތިޚާބުވެވަޑައިގެންފައިވާތީ ދެން ވޯޓުލުން ނޯންނާނެ ކަމަށެވެ.

- ކޮމެންޓް