ވަކީލުންނަށް ބާއްވާ, މަދަނީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމް ފަށައިފިއެވެ.
ހޮނިހިރު ދުވަހު ފެށި މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ބާރ ކައުންސިލާއި ދިވެހި ފަނޑިޔާރުންގެ ޖަމްއިއްޔާ ގުޅިގެން، ގާނޫނީ ވަކީލުންނަށް ބާއްވާ މަދަނީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ސެޝަންތައް ނަގައިދެއްވަނީ ޖަމްއިއްޔާގެ ރައީސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއާއި ސިވިލް ކޯޓުގެ ގާޒީ އަހުމަދު އަބްދުލްމަތީންގެ އިތުރުން، ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޒުބައިރު މުހައްމަދުއެވެ.
ބާރ ކައުންސިލުން މައުލޫމާތުދޭގޮތުގައި މި ތަމްރީނު ޕްރޮގްރާމްގައި 152 ބައިވެރިންނަށް، ކަމާ ގުޅުންހުރި ތަމްރީނު ދެވިގެންދާނެއެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނުގެ މަގުސަދަކީ ޝަރީއަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް، އަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސްމިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުމެވެ. މި ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ 16 ޖޫން 2022ގައެވެ.
މި ގާނޫނަށް އަހުލުވެރި ކުރުވުމަށް ތަފާތު އެކި ތަމްރީނުތައް ދަނީ ހިންގަމުންނެވެ. އެގޮތުން ފަނޑިޔާރުންނަށް އަމާޒުކޮށް މަދަނީ އިޖުރާއަތުގެ ގާނޫނުގެ ތަމްރީން ޕްރޮގްރާމު މިއަހަރުގެ މެއި މަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވެއެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނަށް މިހާރު އަމަލުކުރަން ފަށާފައިވާއިރު، މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މި ބިލް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިންނެވެ.
މި ބިލަކީ ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީއަތް ނިމި ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ އާންމު އުސޫލުތައް ބަޔާންކުރުމުގެ ބިލެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނަކީ، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީއަތް ނިމި ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ އާންމު އުސޫލުތައް ބަޔާންކޮށްދޭ، ދިވެހިރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި މުހިންމު ގާނޫނެކެވެ.