ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ހަރުގޭގެގޮތުގައި ބޭނުންކުރަމުން އައި ބިމުގައި އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ "ދަ ޑިމޮކްރެޓްސް" އިން މަސައްކަތް ފަށައިފިއެވެ.
އާރޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެމްޑީޕީ ހަރުގެ ހިންގަމުން އައި ބިމަކީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ. އެމްޑީޕީގެ އެތެރޭގައި އުފެދިގެން އުޅޭ ކޯޅުމުގެ ތެރޭގައި ޝަފިއްޔާ ހުންނެވީ ނަޝީދުގެ ފަޅީގައެވެ. އެމްޑީޕީން މައި ހަރުގޭގެ ގޮތުގައި ގާތްގަނޑަކަށް 8 އަހަރު ވަންދެން ބޭނުންކުރަމުން އައި ބިން ދަ ޑިމޮކްރެޓްސްއިން ބޭނުންކުރަން ފަށާފައިމިވަނީ، އެތަން ހުސްކޮށް ހަވާލުކުރުމަށް ބިމުގެ ވެރި ފަރާތުން އެމްޑީޕީއަށް އަންގާފައިވާ އެންގުމަށް އަމަލުކުރަން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް މައްސަލަވެސް ހުށަހަޅާފައިވަނިކޮށެވެ.
ހަރުގެ ޑިމޮކްރަޓްސްއިން ބޭނުންކުރަން ފެށުމުގެ ކުރިން ހަރުގެ ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން ޝަފިއްޔާ ބުނީ، ހަރުގެ ހުސްކުރަން އެމްޑީޕީއަށް މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އަންގާފައިވާނެކަމަށެވެ. އަދި އެމުއްދަތުގައި އެތަން ހުސްނުކޮށްފިނަމަ އޭގެ ފަހުން ތަނުގައި ހުރި މުދަލަކީ ޝަފިއްޔާގެ ތަކެތިކަމަށް ބަލާނެކަމަށްވެސް އެމްޑީޕީއަށް އަންގާފައިވާނެކަމަށް ޝަފިއްޔާ ބުންޏެވެ.
ޝަފިއްޔާ ބުނީ ހަރުގެ ހުސްކުރުމަށް އެންމެ ފުރަތަމަ އެމްޑީޕީއަށް ސިޓީ ފޮނުވާފައިވަނީ މިއަހަރުގެ މާރޗް މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އެއީ ހަރުގެ ހުރިތަނުގައި 15 ބުރީގެ އިމާރާތެއް ކުރަން ބޭނުންވާތީކަމަށާއި، އެކަމަށް ބޭނުންވާ ހުއްދަ ހައުސިންގ މިނިސްޓްރީންވެސް ލިބިފައިވާކަމަށެވެ.
ބިމުގައި އިމާރާތްކުރުމަށް އިންވެސްޓްކުރުމަށް އެމްޑީޕީއަށްވެސް ހުށަހެޅިކަމަށާއި ނަމަވެސް އެމްޑީޕީން އެކަމަށް ޝައުގުވެރިކަން ފާޅުނުކުރާކަމަށް ޝަފިއްޔާ ބުންޏެވެ. ޝަފިއްޔާ ބުނީ އެ ސިޓީގެ ޖަވާބު އެމްޑީޕީން 26 އޭޕްރީލްގައި ދީފައިވާކަމަށާއި، އެތަނުގައި އަދި މަޑުކުރަން ބޭނުންވާކަމަށް އެމްޑީޕީން ބުނެފައިވާކަމަށެވެ. އެއީ ތަނެއް ހޯދުމަށް ހުރި ދަތިތަކުގެ ސަބަބުންކަމަށް އެމްޑީޕީން ބުނެފައިވާކަމަށް ޝަފިއްޔާ ބުންޏެވެ.
2018ން ފެށިގެން މިތަނުގެ ކުއްޔަކީ 60،000 ރުފިޔާ. 1100 އަކަފޫޓްގެ ބިމެއް މިއީ. ކުޑަ ކުއްޔަކަށް ތިބެން، މިތާނގަ އަދި މަޑުކުރަން އެމްޑީޕީން ބޭނުންވީ.ޝަފިއްޔާ ޒުބައިރު
ޝަފިއްޔާ ބުނީ މިހާރު ބިން ދޫކޮށްފައިވަނީ ވިޔަފާރިވެރިއަކަށް ކަމަށާއި، އެއީ ތަނުގައި އިންވެސްޓްކުރަންވެސް ބޭނުންވާ ފަރާތެއްކަމަށެވެ. އެފަރާތާއެކު މިހާރު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް ޝަފިއްޔާ ބުންޏެވެ. ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެމުން ތަކުރާރުކޮށް ޝަފިއްޔާ ބުނީ، ބިން ދޫކޮށްފައިވަނީ ސިޔާސީ ފަރާތަކަށް ނޫންކަމަށާއި ދަ ޑިމޮކްރެޓްސްއަށް ނޫންކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމަށްފަހު ޝަފިއްޔާ ވަނީ ތަނުގެ ތަޅުދަނޑި، ނަޝީދު ފަޅީގައި ހުންނެވި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރަށް ދީފައެވެ. އެއާއެކު އަމްރު ވަނީ އެތަން ހުޅުވާފައެވެ. އަދި އެތަނުގައި ވަނީ ދަ ޑިމޮކްރެޓްސްގެ މަސައްކަތްތައް ފަށާފައެވެ.